ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ހޯސްޓްކޮށް ގެނެސްދޭ ޝޯ "ކޮފީ ވިތު ކަރަން" ސީޒަން އަށެއްގެ މިހަފްތާގެ މެހެމާނަކަށް އަނަންޔާ ޕާންޑޭ އަދި ސާރާ އަލީ ހާން ހަމަޖައްސައިފިއެވެ.
ބޮލީވުޑްގައި ކުރިއަރަމުން އަންނަ ދެތަރިން ކަމަށްވާ ސާރާ އާއި އަނަންޔާގެ އާއިލާ އަކީ ވެސް ފިލްމީ އާއިލާއެކެވެ. މަޝްހޫރު ތަރިން ކަމަށްވާ ސައިފް އަލީ ހާން އަދި އަމްރިތާ ސިންހްގެ ދޮށީ ދަރި ސާރާ އާއި ޗަންކީ ޕާންޑޭ އާއި ބާވްނާ ޕާންޑޭގެ ދަރިފުޅު އަނަންޔާ އަކީ އެއްކޮށް ކަހަލަ ގޮތަކަށް ފިލްމު އިންޑަސްޓްރީ އަށް ނުކުތް ދެތަރިންނެވެ. 2018 ވަނަ އަހަރު ސުޝާންތު ސިންހް ރާޖްޕުތް އާއެކު ފިލްމު "ކެދާނަތު" އިން ބޮލީވުޑަށް ތައާރަފްވި ސާރާ އާއި 2019 ވަނަ އަހަރު ޓައިގާ ޝްރޮފް އާއެކު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި އަނަންޔާ ޕާންޑޭގެ ދިރިއުޅުމުގެ ވާހަކަ މި ޝޯގެ އެޕިސޯޑުގައި ދައްކާނެއެވެ. އަދި ދެތަރިންގެ ފިލްމީ ކެރިއަރުގެ ވާހަކަތަކާއި ދެމީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ވެސް މި އެޕިސޯޑުގައި ދައްކާނެއެވެ. އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި އެޕިސޯޑުގެ ޓީޒާކޮޅެއްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
މިދިޔަ މަހު 26 ގައި ކޮފީ ވިތު ކަރަން ސީޒަން 8 ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް އާއެކު ފެށިއިރު އެ އެޕިސޯޑުގައި ވަނީ މީގެ ކުރިން ދެތަރިންނާ ގުޅޭގޮތުން ނޭނގޭ އެތައް ވާހަކައެއް އިވިފައެވެ. އަދި ފުރަތަމަ ފަހަރަށް ދެމީހުންގެ ކައިވެނީގެ ވީޑިއޯ ވެސް ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ. މިދެތަރިންނަށް ފަހު ދެވަނަ ޝޯގެ މެހެމާނުންނަކީ ބޮބީ ޑީއޯލް އާއި ސަނީ ޑިއޯލްއެވެ. މިދެތަރިންނަކީ މަޝްހޫރު އެކްޓަރު ދަރުމެންދުރަ ގެ ދެދަރިންނެވެ. ސަނީ ވަނީ ދާދިފަހުން ނުކުތް "ގަދަރު 2" ގައި މަސައްކަތްކޮށްފައެވެ. 2001 ވަނަ އަހަރު ނުކުތް މި ފިލްމުގެ ދެވަނަ ބައިގައި ވެސް ސަނީ މަސައްކަތްކުރިއިރު މި ފިލްމުވެގެން ގޮސްފައިވަނީ މިއަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމަށެވެ. "ތޭންކް ޔޫ" ފަދަ މޮޅެތި ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ބޮބީ ދެން އެންމެ އަވަހަށް ފެންނާނީ "އެނިމަލް" އިންނެވެ.