ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ހޯސްޓްކޮށް ގެނެސްދޭ ޝޯ "ކޮފީ ވިތު ކަރަން" ސީޒަން އަށެއްގެ މިހަފްތާގެ މެހެމާނަކަށް ކުޅަދާނަ ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ކަރީނާ ކަޕޫރު ހަމަޖައްސައިފިއެވެ.

އެކްޓަރު ރަންބީރު ކަޕޫރު އާއި ކައިވެނިކޮށްގެން އުޅޭ އާލިއާ އަކީ ކަރީނާގެ ފަހަރިއެއްވެސް މެއެވެ. ކަރީނާ އާއި ރަންބީރު އަކީ ދެބޭންގެ ދެދަރިންނެވެ. މި ހަފްތާގެ ޝޯގެ ޕްރޮމޯއެއް މިހާރު އާންމުކޮށްފައިވާއިރު މި އެޕިސޯޑުވެގެންދާނީ ބެލުންތެރިން ހެއްވާލާނެ ފަދަ އެޕިސޯޑަކަށެވެ. ދެމީހުންގެ ދިރިއުޅުމުގެ އަމިއްލަ ވާހަކަ މި އެޕިސޯޑުގައި ހިއްސާކުރާއިރު ދެމީހުންގެ ޕްރޮފެޝަނަލް އެކްޓިން ކެރިއަރުގެ ވާހަކަ ވެސް މި އެޕިސޯޑުގައި ދައްކާނެއެވެ. އަދި ކަރީނާ އާއި ބަތަލާ އަމީޝާ ޕަޓޭލް އާ ދެމެދު އޮންނަ "ޒާތީ" ގުޅުމުގެ ވާހަކަ ވެސް ދައްކާނެއެވެ. މި އެޕިސޯޑު އަންނަ ބުރާސްފަތި ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ފެންނާނެއެވެ. ކުރިން އަޑުއަރާފައި އޮތީ އާލިއާ އާއެކު ޝޯގައި ފެންނާނީ އެކްޓަރު ރަންބީރު ކަމަށެވެ. ނަމަވެސް ރަންބީރު އަކީ ސޯޝަލް މީޑިއާގެ އިތުރުން ޕަޕަރާޒީންނަށްވެސް "ވަގަށް" އުޅޭ ވަރަށް ޕްރައިވެޓް ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. އެކްޓަރު ވަނީ އޭނާގެ ކެރިއަރުގެ ކުރީ ކޮޅު ކޮފީ ވިތު ކަރަން ގައި ބައިވެރިވެފައެވެ.

މިދިޔަ މަހު 26 ގައި ކޮފީ ވިތު ކަރަން ސީޒަން 8 ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް އާއެކު ފެށިއިރު އެ އެޕިސޯޑުގައި ވަނީ މީގެ ކުރިން ދެތަރިންނާ ގުޅޭގޮތުން ނޭނގޭ އެތައް ވާހަކައެއް އިވިފައެވެ. މިދެތަރިންނަށް ފަހު ދެވަނަ ޝޯގެ މެހެމާނުންނަކީ ބޮބީ ޑީއޯލް އާއި ސަނީ ޑިއޯލްއެވެ. އަދި ތިން ވަނަ އެޕިސޯޑުގެ މެހެމާނަކަށް އައީ އަނަންޔާ ޕާންޑޭ އާއި ސާރާ އަލީ ހާނެވެ. ސާރާ އަކީ ކަރީނާގެ ދޮންދަރިއެވެ.