ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ހޯސްޓްކޮށް ގެނެސްދޭ ޝޯ "ކޮފީ ވިތު ކަރަން" ސީޒަން އަށެއްގެ މިހަފްތާގެ މެހެމާނަކަށް ކުޅަދާނަ ދެތަރިން ކަމަށްވާ ސިދާތު މަލްހަތްރާ އާއި ވަރުން ދަވަން ހަމަޖައްސައިފިއެވެ.

2012 ވަނަ އަހަރު ކަރަންގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި މިދެތަރިންނަކީ ވެސް މިއަދު ބޮލީވުޑްގައި ނަން މަޝްހޫރު ކާމިޔާބު ދެ އެކްޓަރުންނެވެ. މިދެތަރިންވެސް ވަނީ އެކުއެކީ ކޮފީ ވިތު ކަރަންގައި މީގެ ކުރިން ބައިވެރިވެފައެވެ. އެއީ 2013 ވަނަ އަހަރުއެވެ. ފިލްމަށް ލިބުނު ކާމިޔާބީއަށް ފަހު ކަރަން، ބޮލީވުޑަށް ނެރެދިން ސިދާތު، ވަރުން އަދި އާލިއާ ބަޓް އާއެކު އޭރު މި އެޕިސޯޑެ ގެނެސްދިން އިރު މިފަހަރުގެ އެޕިސޯޑުގައި ފެނިގެންދާނީ ވަރުން އާއި ސިދާތެވެ. މި ޝޯގެ އާ ޕްރޮމޯއެއްވެސް މިހާރު ދައްކާލާފައި ވާއިރު ކުރިއަށް އޮތް ޝޯތަކުގައި ފެނިގެންދާނެ ބައެއް މެހެމާނުންނަކީ ކާޖޮލް، ރާނީ މުކަރްޖީ، ވިކީ ކޯޝަލް އަދި ޖާންވީ ކަޕޫރެވެ.

މި އެޕިސޯޑު އަންނަ ބުރާސްފަތި ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ފެންނާނެއެވެ. ދެ އެކްޓަރުންގެ ކެރިއަރުގެ ވާހަކަތަކުގެ އިތުރުން ޒާތީ ވާހަކަތައް ވެސް މި ޝޯގައި ދެއްކުމަށް ހަމަޖެހިފައިވެއެވެ. ކުޅަދާނަ އެކްޓަރު ވަރުން ވަނީ އޭނާގެ ޓީނޭޖް ދުވަސްވަރު ކާމިޔާބުކުރި ލޯބިވެރިޔާ ނަތާޝާ ދަލާލް އާ 2021 ވަނަ އަހަރު ކައިވެނިކޮށްފައެވެ. އެކްޓަރު ސިދާތު ވަނީ ބަތަލާ ކިއާރާ އަދުވާނީ އާ މިއަހަރު ކައިވެނިކޮށްފައެވެ. އެ ކައިވެންޏަކީ މިއަހަރު ކުރެވުނު ކައިވެނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޮޑު ކައިވެންޏެވެ.

މިދިޔަ މަހު 26 ގައި ކޮފީ ވިތު ކަރަން ސީޒަން 8 ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް އާއެކު ފެށިއިރު އެ އެޕިސޯޑުގައި ވަނީ މީގެ ކުރިން ދެތަރިންނާ ގުޅޭގޮތުން ނޭނގޭ އެތައް ވާހަކައެއް އިވިފައެވެ. މިދެތަރިންނަށް ފަހު ދެވަނަ ޝޯގެ މެހެމާނުންނަކީ ބޮބީ ޑީއޯލް އާއި ސަނީ ޑިއޯލްއެވެ. އަދި ތިން ވަނަ އެޕިސޯޑުގެ މެހެމާނަކަށް އައީ އަނަންޔާ ޕާންޑޭ އާއި ސާރާ އަލީ ހާނެވެ. އޭގެފަހުން ކަރީނާ ކަޕޫރު އާއި އާލިއާ ބަޓް މި ޝޯ އިން ފެނިގެންދިޔައެވެ.