ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ހޯސްޓްކޮށް ގެނެސްދޭ ޝޯ "ކޮފީ ވިތު ކަރަން" ސީޒަން އަށެއްގެ މިހަފްތާގެ މެހެމާނަކަށް ކާމިޔާބު ބަތަލާ ނީތޫ ކަޕޫރު އާއި ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ބޮލީވުޑް ސިނަމާގައި 70 އަހަރުތަކުގެ ތެރޭގައި ގަދައަށް ވިދާލި ޒީނަތާއި ނީތޫ އަކީ ބޮލީވުޑްގެ ސިނަމާގައި ވަރަށް ކާމިޔާބު ދެތަރިންނެވެ. މި ދެމީހުން އެކުގައި ބައިވެރިވާ އެޕިސޯޑު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ސްޓްރީމްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެއީ މި މަހު 11 އެވެ. ދެތަރިންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި ފިލްމީ ކެރިއަރުގެ ވާހަކައިގެ އިތުރުން ދެތަރިންގެ ޅައުމުރުގެ ވާހަކަތައް ވެސް މި ޝޯގައި ހިއްސާކުރާނެއެވެ. ހަމައެއާއެކު ރެޕިޑް ފަޔާ ރައުންޑެއްގެ އިތުރުން ގޭމުތަކެއްވެސް ކުޅުމަށް މި އެޕިސޯޑުގައި ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ގައި ކޮފީ ވިތު ކަރަން ސީޒަން 8 ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް އާއެކު ފެށިއިރު މިހާތަނަށް ގިނަ ތަރިންނާއެކު ޝޯގެ އެޕިސޯޑުތައް ވަނީ ގެނެސްދީފައެވެ. ދެވަނަ ޝޯގެ މެހެމާނުންނަކީ ބޮބީ ޑީއޯލް އާއި ސަނީ ޑިއޯލްއެވެ. އަދި ތިން ވަނަ އެޕިސޯޑުގެ މެހެމާނަކަށް އައީ އަނަންޔާ ޕާންޑޭ އާއި ސާރާ އަލީ ހާނެވެ. އޭގެފަހުން ކަރީނާ ކަޕޫރު އާއި އާލިއާ ބަޓް މި ޝޯ އިން ފެނިގެންދިޔައެވެ. އަދި ސިދާތު މަލްހަތްރާ އާއި ވަރުން ދަވަން ވެސް މި ޝޯ އިން ފެނިގެންދިޔައެވެ. ނިމިދިޔަ އެޕިސޯޑުގައި ބައިވެރިވީ ޖާންވީ ކަޕޫރު އާއި ހުޝީ ކަޕޫރެވެ. މިއީ ހުޝީގެ ކޮފީ ވިތު ކަރަންގެ ޑެބިއުއެވެ. މިއީ އިންޑިއާ ފިލްމު އިންޑަސްޓްރީގެ ސެލެބްރިޓީންނަށް ދައުވަތުދީގެން ކަރަން ގެނެސްދޭ ޝޯއެކެވެ.