ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ ބައްދަލު ކުރައްވައިފިއެވެ.
އެ ދެބޭފުޅުން ބައްދަލު ކުރެއްވި ކަން ހާމަކޮށް ތުރުކީގެ ރައީސް އޮފީހުގެ އޮފޝަލް އެކައުންޓުން އެކްސްގައި ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓްގައި އާންމު ކޮށްފައިވާ ފޮޓޯގައި ދެ ރައީސުން ސަލާމް ކުރައްވާ މަންޒަރު ފެނެއެވެ.
މި ބައްދަލުވުމުގައި ދެ ރައީސުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ތުރުކީގެ ރައީސް އުރުދުގާންގެ ދައުވަތަކަށް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ތުރުކީގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ތުރުކީއަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅަށް ފަހު ކޮޕް ސަމިޓްގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް މުއިއްޒު ވަޑައިގަންނަވާނެ އެވެ. ބުރާސްފަތި ދުވަހު ކޮޕްސަމިޓްގެ ބައްދަލުވުމަށް ވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.