ފުށިދިއްގަރު ފަޅުހިއްކުމުގެ މަޝްރޫއަށް ދައުލަތުން ހޭދަވާނެ ފައިސާގެ އަދަދެއް ނޭނގޭ ކަމަށާއި އަދި އެ މަޝްރޫއަށް ފައިނޭންސް ހޯދާނެ ފައިނަލް ޕްލޭނެއް ވެސް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާ ގުޅިގެން، މި ސަރުކާރުން ނިންމާފައިވާ ކަންކަަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން މިއަދު އޮތް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރަކައިގެ ކޮމިޓީއަށް ހައިދަރު ވަނީ ހާޒިރުކޮށްފައެވެ.

މިގޮތުން މެންބަރުން ވަނީ މި ސަރުކާރުން އެންމެ ބާރަށް ދައްކާ ފުށިދިއްގަރު މަޝްރޫއަށް މި ފަސްއަހަރުތެރޭ ދައުލަތުން ހޭދަވާނެ ހަރަދުގެ އަންދާޒާއެއް އެނގޭތޯ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ ފުށިދިއްގަރު ހިއްކަން ބަޖެޓުގައި ހިމަނަން އެދިފައިވާ 400 މިލިއަން ރުފިޔާ ފާސްވެއްޖެ ނަމަ އެ މަޝްރޫއު ފަށައިގަންނަން އެ ބޭނުންކުރެވޭނެ ކަމަށާއި ނަމަވެސް ފަސް އަހަރު ތެރޭ އެ މަޝްރޫއަށް ހިނގާނެ ހަރަދުގެ ހިސާބު ސަރުކާރުން އަދި ނުޖަހާ ކަމަށެވެ.

އެ މަޝްރޫއަށް ފައިނޭންސް ހޯދުމާއި ގުޅޭގޮތުން މެންބަރުން ސުވާލުކޮށްފައިވާއިރު އެސުވާލަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، ބަޖެޓުން ލިބޭ ފައިސާ އާއި އެހެނިހެން ގޮތްގޮތުން ވެސް ފައިސާ ހޯދިދާނެ ކަމަށާއި އޭގެ ތެރޭގައި ބޭރުގެ އެހީތަކާއި އެހެން މަޝްރޫއުތަކަށް ކަނޑައަޅާ ބަޖެޓުން ފައިސާ ނަަގައި ބޭނުންކުރެވިދާނެ ކަމަށެވެ.

ހައިދަރު ވިދާޅުވީ، ފުށިދިއްގަރުގެ ލޭންޑް ޔޫސް ޕްލޭން ހަދާފައިވާ އަދި އެތަނުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އަދި އޮތީ ފާސް ވެސް ނުކޮށް އޮތް ލޭންޑް ޔޫސް ޕްލޭނެއް ކަމަށް ހައިދަރު ފާހަގަކުރެއްވިއެވެ.

ހައިދަރު މިހެން ވިދާޅުވެފައިވާއިރު މިމަހު 18 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ އެންމެ މުހިންމު ކަން ކަމަށްވާ ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫއު ވައުދުވެވަޑައިގެންނެވި ގޮތަށް ހަފްތާ 14ގައި ފެށިގެންދާނެ ކަމަށެވެ.

އެ މަސައްކަތް ނިމޭނީ ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ކަމަށާއި އެސަރަހައްދުގައި ގާތްގަނޑަކަށް 1،200 އަކަ ހެކްޓަރު ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ވަރު ބޮޑު ފަޅެއް ހިއްކަނީ ދިވެހިރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަަލަ ހައްލުކޮށްދިނުމަށްޓަކައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމީ މައްސަލަތައް ނަގާފައި މި ސަރުކާރުން ކުރިއަށް ގެންދާނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތަކުރާރުކޮށް ކެމްޕެއިން ތެރޭގައި ވެސް ދަންނަވާފައި ވާނީ ގެދޮރުވެރިކަން ކަން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ގިނަ ރައްޔިތުން ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމުން އެންމެ ބޮޑު މަޝްރޫއު ކަނޑައެޅުފައި އޮތީ މި ސަރަހައްދަށް ކަމަށެެވެ.