އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން އިސްތިއުނާފު ކޮށްފިއެވެ.

ލަމްހާގެ ބަލި ހާލަތައް ބެލުމަށްފަހު އޭނާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ބަންދު މުރާޖާ ކުރުމާ ގުޅޭ ގޮތުން އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާއާއި މާވިން ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް ލަމްހާގެ ފަރާތުން އޭނާގެ ވަކީލު އަހުމަދު ޔާމީން ވަނީ ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. އަދި ހަމައެހެންމެ ލަމްހާގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށާއި އެކަންކަމަށް އޭނާ މިހާރުވެސް ޖަލުގައި ފަރުވާ ހޯދަމުންދާ ކަމަށް ޔާމީން ފާހަގަ ކުރެއްވާފައި ވެއެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވާ އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް ނިންމާފައެވެ. ނަމަވެސް ލަމްހާ ދޫކޮށްލީ ފައިގައި ޓެގު ނާޅުވައެވެ. އެއީ ގަަނޫނު ބުނާގޮތުން ޓެގު އެޅުވެނީ ހަމަ އެކަނި ޓެރަރިޒަމްގެ ދައުވާކުރާ މީހުންނަށް އެކަނި ކަމަށްވާތީއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވީ، ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ ލަމްހާ ދޫކޮށްލި ގޮތާމެދު ހިތްހަމަ ނުޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ. "ލަމްހާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުންނޭ ބުނަނީ. އެކަމަކު އެއީ މުޖުތަމައުއަށް ނުރައްކާ ކުޑަވާނެ ކަމެއް ނޫން." ޝަފީއު ވިދާޅުވިއެވެ.

ތިން މަސް ދުވަހަށް ލަމްހާ ދޫކޮށްލަން ނިންމާފައިވާއިރު މާލެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމާއި ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމަށް އޭނާ އަށް އަންގާފައި ވެއެވެ. އަދި ރޭގަނޑު 10 އިން ހެނދުނު 6 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.