ދިވެހިންގެ ފަރާތުން ގާޒާގެ ރައްޔިތުންނަށް ދީފައިވާ ދީލަތި އެހީގެ ޓްރަކްތަށް ގާޒާއަށް ވަދެއްޖެއެވެ.

އައިއޭސީން ބުނީ، ގާޒާއަށް ވަދަފައިވާ ހުރިހާ ޓްރަކްތައް ފުރަތަމަ ގެންގޮސްފައިވަނީ އިސްރާއިލް ފަޅިއަށް ކަމަށާއި އަދި ޗެކް ކުރުމަށްފަހު އެމުދާތައް އެހެން ޓްރަކްތަކަކަށް އަރުވާފައިވާ ކަމަށެވެ.

މިހާރު ކަރީމް އަބޫ ސާލިހް މަގުން ގާޒާއަށް ވައްދާފައިވާ ކަމަށާއި ކުރިއަށް މިއޮތް ދުވަސްތަކުގައި މި ތަކެތި ގާޒާގެ ރައްޔިތުންނަށް ފޯރުކޮށް ދޭނެ ކަމަށް އައިއޭސީން ބުނެއެވެ. އަދި އެތަކެތި އެކަމާ ގުޅޭ މުއައްސަސާތަކަށް ފޯރުކޮށްދޭ މަންޒަރުތަށް ވެސް ގެނެސްދޭނެ ކަމަށް އައިއޭސީން ބުނެއެވެ.

މި ދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފަށާފައިވާ އިރު އައިއޭސީން ގާޒާއަށް އެހީވުމަށް ރިލީފް ފަންޑު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. އައިއޭސީ އަކީ ރާއްޖެއިން ބޭރުގައި ގުދުރަތީ ކާރިސާތަކުގެ އިތުރުން އެހެނިހެން ގޮތްގޮތުން ހާލުގައި ޖެހޭ އެކި ގައުމު ތަކުގެ މީހުންނަށް މީގެ ކުރިންވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމްއިއްޔާއެވެ.

މި ޖަމްއިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ އެންމެނަށްވެސް ދެމެހެއްޓެނިވި ރަނގަޅު ދިރިއުޅުމެއް ފޯރުކޮށް ދިނުމެވެ. އަދި މި އެހީތެރިކަމުން ލިބޭ ފައިސާއިން 12 ޕަސެންޓު، ކެމްޕެއިން ހިންގައި ބެލެހެއްޓުމާއި ދެމެެހެއްޓުމާއި އިދާރީ ހިންގުމާއި ތަރައްގީއަށް ނަގާނެ ކަމަށް އޭއައިސީން ވަނީ ބުނެފައެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.