ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތުުރުކީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގަތީ، ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާންގެ ދައުވަތަކަށް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ތުރުކިޔޭގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ދެގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް – ކޮޕް 28 ގައި ބައިވެރިވެވަޑައިގަތުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ ފުރަތަމަ ދަތުރު ސައިދީ އަރަބިއްޔާއަށް ކުރެއްވުމަށް މީގެ ކުރިން ނިންމެވި ނަމަވެސް އެދަތުރު ވަނީ އަންނަ ހަފްތާއަށް ފަސްކުރައްވާފައެވެ.