ފަލަސްތީނުން މީހުން ހުސްކޮށް އެއްމެން އުރުދުން އަށް ބަދަލުކުރަން، ނެދަލޭންޑްސްގައި ނިމިދިޔަ އިންތިހާބު ކާމިޔާބު ކުރި އިދިކޮޅު ލީޑަރު ގިއާޓް ވިލްޑާސް ގޮވާލުން ޕަލަސްތައިން އޮތޯރިޓީ (ޕީއޭ) އިން ކުށްވެރިކޮށްފިއެވެ.
ނެދަލޭންޑްސްގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދި ވިލްޑާސް، އާ ސަރުކާރެއް އެކުލަވާލުމުގެ މަރުހަލާގައި ވާ އިރު އޭނާ ކެމްޕެއިން ރެލީތަކުގައާއި އޭގެ ފަހުން ބައިނަލްއަގުވާމީ މަޝްރަހުގެ މައްޗަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ ފަލަސްތީނުގެ އެންމެން ބޭރު ކުރަން ތާއިދު ކުރާ ކަމަށާއި އޭނާގެ ވެރިކަމެއްގައި ނެދަލޭންޑްސްގެ އެމްބަސީވެސް ޖަރޫސަލަމަށް ބަދަލުކުރާނެ ކަމަށެވެ.
ޖަރޫސަލަމަކީ އިޒްރޭލުން ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ވެރިރަށެވެ. އެތަނުގައި މިހާރުވެސް އެމެރިކާގެ އެމްބަސީއެއް ހަދާފައި ވާ އިރު، އެމަގަަށް ދީލާލައި އަނެއް ގައުމަކަށް ވެގެން މިދަނީ ނެދަލޭންޑްސް އެވެ.
މި ވިލްޑާސް އަކީ އިޒްރޭލުގެ ސަޕޯޓަރެކެވެ.
އޭނާގެ މިވާހަކަތާ ގުޅިގެން ޕީއޭއިން ބުނެފައި ވަނީ ޕަލަސްތީނު ރައްޔިތުންގެ ދައުލަތް ނުވަތަ ސަރުކާރު އޮންނަނީ ފަލަސްތީންގެ އަމިއްލަ ބިމުގައި ކަމަށާއި އެއީ ބައިނަލްއަގުވާމީ ގޮތުންވެސް އެކަން ބަލައިގެންފައި އޮތް ގޮސް ކަމަށެވެ. އަދި ފަލަސްތީނުގެ މުސްތަގުބަލް ކަނޑައަޅާނީ ފަލަސްތީން ތަމްސީލު ކުރާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) މެދުވެރިކޮށް ފަލަސްތީނު ރައްޔިތުން އަމިއްލައަށް ކަމަށާއި އެއީ ވިލްޑާސް ކަމަށް ވިޔަސް އަދި އެހެން މީހެއް ކަމަށް ވިޔަސް ކަނޑައެޅޭނެ ކަމެއް ނޫން ކަމަށެވެ.
އިތުރަށް ބުނެފައި ވަނީ، ސަރަހައްދުގެ ސުލްހައާއި ސަމާލަތްކަން ދެމެހެއްޓޭނެ ހަމައެކަނި ގޮތަކީ ފަލަސްތީނުގެ ދައުލަތް ކަނޑައެޅުން ކަމަށް ވެސް ޕީއޭގެ ސްޓޭޓްމަންޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ޕީއޭގެ އިތުރުން އުރުދުން އިން ވެސް ވަނީ ވިލްޑާސް ދެއްކި ވާހަކަ ކުށްވެރި ކޮށްފައެވެ.
ފަލަސްތީނަށް ދައުލަތެއްގެ ސިފަ ނުލިބި 1948 އިން ފެށިގެން އަޅުވެތިކަމުގައި އޮންނަން ޖެހިފައި ވާ އިރު، ހުޅަނގާއި އެމެރިކާގެ މަދަދާއެކު އދ އިން ދައުލަތެއް ކަމަށް ކަނޑައަޅާފައި ވަނީ ފަލަސްތީންގެ ބިމަށް ވެރިގެން ތިބި ޔަހުދީ އިޒްރޭލެވެ. އިޒްރޭލުގެ ދައުލަތް ކަނޑައެޅިއިރު ފަލަސްތީނުގެ މުޅި ބިމަކީ ޔަހޫދީންގެ ތަނެއް ކަމުގައި ބަލައި ފަލަސްތީންގެ ރައްޔިތުން ތިބީ ހިފާފައިވާ ބިންތަކެއްގައި ކަމަށް ދަނީ ބަލަމުންނެވެ. އެހެން ކަމުން އެ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އުލެން ޖެހިފައި ވަނީ އަޅުވެތިކަމުގައެވެ.
ކާއެތިކޮޅާއި، ބޯފެނާއި، ބޭހާއި ތެލާއި އެނޫންވެސް އަސާސީ ހިދުމަތްތައް ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ.
އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ވިލްޑާސް ގެ ވާހަކައިގައި ނެދަލޭންޑުން މުސްލިމުން މަދުވާން އެދޭކަމަށް ވެސް ބުނެފައި ވެއެވެ.
އޭނާގެ ވާހަކަތަކާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުން ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ނަމަވެސް އޭނާ އަކީ ނެދަލޭންޑްގެ އާ ސަރުކާރުގެ ވެރިއަކަށް ވާނެ މީހާއެވެ. އެހެން ކަމުން މެދުއިރުމައްޗާއި މުސްލިމުންނާ މެދު ނެދަލޭންޑްގެ ސިޔާސަތު ސާފުކޮށް ހާމަވެގެން ދާކަމަށް މުރާސިލުން ބުނެއެވެ.