ޕޯސްޓް މެދުވެރިކޮށް ނެދަލެންޑްސް އިން ރާއްޖެ ގެނައި ޕާރްސަލަކުން ދެ މިލިއަނަށް ވުރެން ގިނަ ރުފިޔާގެ ޑްރަގްސް އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެތަކެތި އަތުލައިގެންފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ނެދަލެންޑްސް އިން ރާއްޖެއަށް ގެނައި ޕާރުސަލެއްގައި ޝައްކު ކުރެެވޭ ޒާތުގެ ދެ ބާވަތެއް ހުރުމުން, އިތުރަށް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެ ތަކެތި ބަލައި ފާސްކުރި އިރު، މެފެޑްރޯން ނަމަކަށް ކިޔާ ބާވަތެެއްގެ ޑްރަގާއި ހެރޮއިން އަށް އެތަކެތި ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެ މައްސަލާގައި އަތުލައިގަތް ޑްރަގުގެ ބަރުދަނުގައި 1.34 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 2،049،000 ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމުން ބުނެއެވެ. އަދި އެ ތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މި ފަހުން ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރު ވެފައެވެ. އެގޮތުން މިދިޔަ މަހުގެ 10 ވަނަ ދުވަހު އެމެރިކާއިން ރާއްޖެއަށް ގެނައި ޕާރުސަލަކުން ވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފައެވެ.