ނެދަލޭންޑްސްގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދާތީ އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅުތަކާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.
ނެދަލޭންޑްސްގެ ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އެގައުމުގެ އާންމުން ބޭރަށް ނިކުމެ އުޅޭ ވަގުތު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، ފިހާރަތަކާއި ރެސްޓޯރަންޓްތައް ހުޅުވާފައި ހުންނާނެ ގަޑިތައް މަދުކޮށްފައި ވާ އިރު ކުޅިވަރު މެޗުތަކަށް ބެލުންތެރިން ނުވެއްދުމަށް ވެސް ސަރުކާރުން ވަނީ އަމުރު ކޮށްފައެވެ.
މީގެ އިތުރުން ނެދަލޭންޑްސްގެ ސަރުކާރުން ދަނީ 'ކޮރޯނާ ޕާސް' ގެ ނަމުގައި ފާހެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ފާހަކީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށާއި ކޮވިޑް ޖެހިފައި ރަނގަޅުވެފައިވާ ފަރާތްތަކަށް ދޭނެ ފާހެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި ފާސް ތައާރަފް ކުރާ ފަހުން ރެސްޓޯރަންޓް ފަދަ ތަންތަނަށް ވަދެވޭނީ މިފާސް އޮންނަ ފަރާތްތަކަށް އެކަންޏެވެ.
މިކަމާ ދެކޮޅަށް އެގައުމުގެ ރޮޓާޑޭމްގައި ކުރި މުޒާހަރާތަކުގައި އެތަށް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނާ ދިމާލަށް ގާ އުކާ ބަޑި ބޭސް ވެސް އުކާފައެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ކާރެއްގައި ރޯވެސް ކޮށްލާފައެވެ.
މިއާއެކު ނެދަލޭންޑްސްގެ ފުލުހުން ވަނީ ނުސީދާ ގޮތަށާއި ސީދާ ގޮތަށް ވެސް މީހުންގެ ތެރެއަށް ބަޑި ޖަހާފައެވެ. ފުލުހުން ފަހުން ބުނީ އެގޮތަށް ކަންތައް ކުރީ މީހުންގެ ފުރާނަ އޮތް ނުރައްކާތައް ބޮޑުވުމުން ކަމަށެވެ.
ނެދަލޭންޑްސްގެ ސަރުކާރުން މިހާރު ވަނީ ރޮޓާޑޭމްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.