ވިލާތުގެ ބައެއް ގައުމުތަކުގައި ހަލުވި ކަމާއެކު އަނެއްކާވެސް ކޮވިޑް ފެތުރެމުންދާތީ އެގައުމުތަކުގެ ސަރުކާރުތަކުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް އެގައުމުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.

މިގޮތުން، މުޒަހަރާތައް ކުރި ގައުމުތަކުގެ ތެރޭގައި ނެދަލޭންޑްސް، އޮސްޓްރިއާ، ކްރޮއޭޝިއާ އަދި އިޓަލީ ހިމެނެއެވެ.

ނެދަލޭންޑްސްގައި ހުކުރު ދުވަހު ވެސް ވަރުގަދަ މުޒާހަރާތަކެއްކޮށްފައިވާ އިރު ހޮނިހިރު ދުވަހު ވެސް އެގައުމުގެ ރޮޓާޑޭމްގައި އެތަށް ހާސް ބަޔަކު ނިކުމެ ވަނީ ސަރުކާރުގެ ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލާފައެވެ.

އެގައުމުގައި ކުރި މުޒާހަރާތަކުގައި އަނެއްކާވެސް ހަމަނުޖެހުންތައް ހިނގި އިރު މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ މެމްބަރުން ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. އަދި ނެދަލޭންޑްސްގެ ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑި ޖަހާފައެވެ. ބަޑީގެ ހަމަލާތަކުގައި ޒަހަމްވެގެން ތިން މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދިން ކަމަށާ ފުލުހުންގެ ފަސް މީހަކު ވެސް އަނިޔާ ވި ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

ނެދަލޭންޑްސްގައި މުޒާހަރާތައް ކުރަން ފެށީ ކޮވިޑާ ދެކޮޅަށް އެގައުމުން އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް އޮތް ތިން ހަފްތާއަށް ވަރުގަދަކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. މިގޮތުން އެގައުމުގައި ހިންގާ ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަން ރޭގަނޑު 08:00 ޖެހުމުގެ ކުރިން ބަންދުކުރަން އަންގާފައިވާ އިރު ކުޅިވަރު މެޗުތަކަށް ބެލުންތެރިން ވަނުން ވަނީ މަނާކޮށްފައެވެ.

ވިލާތުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗް އޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.