ޕީޕީއެމް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ޕާޓީ ދޫކުރައްވާ އާ ޕާޓީއެއް އުފެއްދުވުމުގެ މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމް އޮތީ ރައީސް މުއިއްޒާއެކުކަން ފާހަގަ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣައްސާން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާ އަތް ގުޅައިގެން ކެރުމާއި އިހްލާސްތެރިކަމާ އެކު ސާބިތުވެ ހުންނަވާނެ ކަމަށެވެ. އަދި ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިން ވެސް ރައީސް މުއިއްޒުއާ އެއްކޮށް ކުރިއަށް ދިއުމަށް ޣައްސާން ވަނީ ގޮވާލައްވާފައެވެ.

ޣައްސާންއަކީ ވޭތުވެ ދިޔަ ތަނުގައި ދެގޮތެއްނުވެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން ބައްޕާފުޅު ރައީސް މައުމޫނު އަބްދުލްގައްޔޫމް އަދި ރައީސް ޔާމީންގެ މެދުގައި މައްސަލަތައް ކުރިމަތިވެގެން ދިޔައިރު ވެސް ޣައްސާން ހުންނެވީ ބޮޑުބޭބެ ރައީސް ޔާމީންއާއެކުއެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވަން ނިންމަވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭއެވެ. އެއާއެކު މި ސަރުކާރުގެ ވަޒީރުން އަންނަނީ ރައީސް މުއިއްޒުއާއެކު ތިއްބެވިކަން އިއުލާނު ކުރައްވަމުންނެވެ. އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެފައި ވަނީ ރައީސް މުއިއްޒުގެ ވެރިކަން ގެނައުމަށް މަސައްކަތް ކުރެއްވި ގޮތަށް މި ވެރިކަން ހިމާޔަތްކޮށް، ދަމަހައްޓަން ކުރަން ޖެހޭ ކަންކަން ވެސް ކުރައްވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ޕީޕީއެމް-ޕީއެންސީއާ އެކު އިހްލާސްތެރިކަމާ އެކު ކުރިއަށް ވަޑައިގެން ރައީސް މުއިއްޒު ރައްޔިތުންނަށް ހުށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސާބިތުވެ ދެމިތިއްބަވާނެ ކަމުގައެވެ.

ރައީސް ޔާމީން އުފައްދަވާ އާ ޕާޓީގެ ނަމާއި ލޯގޯ ފައިނަލްކޮށް، އަސާސީ ގަވައިދުގެ ޑްރާޕްޓް މިހާރު ނިންމާފައި ވާ ކަމަށާއި ހުރިހާ ބޭފުޅުން [ޕީޕީއެމްގެ މެންބަރުން] ވަރަށް ގާތުން އެކަން ބަލައި އާ ޕާޓީއާއި ގުޅުމަށް ތައްޔާރު ވުމަށް ޔާމީން އެދިވަޑައިގެންފައި ވާ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ވިދާޅުވެފައެވެ. އާ ޕާޓީ ހެދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަންއަށް މާދަމާ ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.