ގްރޭޑް 10 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާން އަންނަ ރޯދަމަހުގެ ކުރިން ހަމަޖައްސަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ގޮތަށް ބަދަލު ގެނައުމަށް ސްކޫލްތަކަށް އަންގާފައި ވަނީ ވަރަށް ގިނަ ސްކޫލަތަކުން ރޯދައިގެ ކުރިން ގްރޭޑް 10 ގެ ކުދިންގެ ދެވަނަ ޓާމްގެ އިމްތިހާން ބޭއްވުމަށް އެދިފައިވާތީ ކަމަށް ބުނެއެވެ. އެގޮތުން އެޑިއުކޭޝަން އިން ބުނެފައި ވަނީ، ގްރޭޑް 10ގެ ކުދިންގެ ދެވަނަ ޓާމްގެ އިމްތިހާން އަންނަ ފެބްރުއަރީ 25 އިން މާޗް މަހުގެ 14 އާ ދެމެދު ބާއްވައި ނިންމަން ވާނެ ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ގްރޭޑް 10ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާން ބާއްވަން ނިންމާފައިވާ އިރު، އަންނަ ރޯދަ މަސް ފެށޭނެ ތާރީހެއް ކަމަށް އެޑިއުކޭޝަން އިން އާންމު ކޮށްފައިވާ އެކަޑަމިކް ކަލަންޑަރުން ދައްކަނީ މާޗް މަހުގެ 11 އެވެ.
އަދި މިގޮތަށް ނިންމާފައި މިވަނީ މިއަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާން ރޯދަ މަހުގެ ތެރެއަށް ދިމާވާތީ ގިނަ ބަޔަކު ކަންބޮޑުފުން ފާޅުކުރާތީ ކަމަށްވެސް ބުނެއެވެ. ނަމަވެސް މީގެ ކުރިން ވެސް ސްކޫލް ކުދިންގެ އިމްތިހާންތައް ރޯދަމަހުގެ ތެރޭގައި ވެސް ކުރިއަށް ގެންގޮސްފައި އެބަ ހުއްޓެވެ.
މި ބަދަލާ ގުޅިގެން 'ދަ ޕްރެސް' އާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ، އެމީހުންގެ ދަރިންނަށް ރޯދަ މަހު އިމްތިހާން ހަދަން މާ ފަސޭހަ ކަމަށާއި ފިލާވަޅުތަކަށް ވިސްނާ ދަސްކުރުމުގައި ވެސް ފަސޭހަވެގެން ދާ ކަމަށެވެ.
ބައެއް ދަރިވަރުންވެސް ބުނެފައި ވަނީ، އެމީހުނަށް ރޯދަ އަސް އަދި ރޯދަ ނޫނަސް ކިޔެވުމުގައި ދައްޗެއް އުނދަގުލެއް ނުވާ ކަމަށާއި މީގެ ކުރިން ކިތަންމެ އިމްތިހާނެއް ރޯދައިގެ ތެރޭގައި ވެސް ހަދާފައި ވާނެ ކަމަށެވެ.
މި ބަދަލަށް ތާއީދު ކޮށް ވާހަކަ ދެއްވި ޕޭރަންޓަކު ބުނީ، ރޯދައިގެ ވަރުބަލި ކަމުގައި ތިބުމަށް ވުނެ ކައިގެން ވަރުޖެހިގެން ތިބެ ކިޔެވުމުން ސަލާމުކަން ދެވޭ ވަރު ބޮޑު ކަމަށެވެ.
އެޑިއުކޭޝަނުން މިގޮތަށް ނިންމާފައި ވާ އިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެއް ވައުދުފުޅުގެ ތެރޭގައި އަހަރަކު ޗުއްޓީއަށް ލިބޭ މުއްދަތުގެ އިތުރުން އަހަރުގެ މެދުތެރެއިން 1 މަހިގެ ޗުއްޓީއެއް ދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ގިނަ ބަޔަކު އަޅުކަމުގައި މަޝްއޫލުގެ އުޅެން ފުރުސަތު ދެއްވުމުގެ ގޮތުން ރޯދަމަހުގެ ފަހު 10 އެއްވެސް ބަންދު ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. މި 10 ދުވަހުގެ ތެރޭގައި ކޮންމެހެން މަސައްކަތް ކުރަން ޖެހޭ ފަރާތްތަކަށް އޮންލައިންކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.