ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް، މީހުން ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމި ހާސިލްކުރާ ކުދިންނަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތުތައް ހޯދައި ދީ ކަންކަން ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި އެކި ދާއިރާތަކުން ކިޔަވާފައި ތިބި ބައިވަރު ކުދިން އުފައްދަން ބޭނުންފުޅުވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ސައިންސް، ޓެކްނޮލޮޖީ، އިންޖިނޭރިން، މެތެމެޓިކްސްގެ ދާއިރާތަކުން ނުވަތަ ސްޓެމްގެ ދާއިރާތަކުގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރުތަކުގައި ކޮންމެވެސް ސަބަބަކާ ހުރެ މަދުވެފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއިން ބޭރަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި މުޅިން ވެސް ބައްދަލު ވަނީ އެކައުންޓިން، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ ކަމަށާއި ގައުމު ބިނާކުރުމުގައި މި ދާއިރާތައް ފަދައިން، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައި ތިބި ބޭރު މީހުން ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސާވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަން ފާހަގަކުރައްވާފައެވެ.

ސްޓެމްގެ ދާއިރާތަކަށް އިސްކަން ދިނުމަށްޓަކައި ސަރުކާރުގެ ލޯނު ސްކީމްގައި ވެސް އެކަމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށާއި ވަޒީފާ ދިނުމުގައި ވެސް އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިން، ސަރުކާރު ވަޒީފާއަށް ރަނގަޅު މުސާރައަކާއެކު ނެގުމަށް އިސްކަންދެއްވަން ފައްޓަވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.