ޗައިނާގެ މުސްލިމް އާބާދީއަށް އަމާޒު ކޮށް މިސްކިތްތައް ބަންދުކޮށް ބައެއް ތަންތަން ތަޅާލައި އަދި އެހެން ބެނުންތަކުގައި ބާނުން ކުރަމުން ދާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފިއެވެ.

އެ ޖަމާއަތުން އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، 20 މިލިއަން މުސްލިމުން އުޅޭ ޗައިނާގައި އިސްލާމްދީނަށް އުޅޭ މީހުން [މުސްލިމުންނަށް] ގެ ހަރަކާތަތް މަދުކުރަން އަމާޒު ކޮށް ތަފާތު އެކި ކަންކަން ކުރަމުން ދާ ކަމަށެވެ.

އެގޮތުން ޗައިނާގެ ހުޅަނގު އުތުރު ބިތުގެ ޒިންޖިއާންގް ގައި އުޅޭ އުގޫރު މުސްލިމުންނަށް އަމާޒު ކޮށް އިންސާނިއްޔަތާ ހިލާފު ކަންކަން ހިންގާ ކަމަށާއި، އެނޫން ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމް އާބާދީތަކަށް ވެސް ދަތިތައް ކުރިމަތި ކުރުމުގެ އިތުރުން މިސްކިތްތައް ބަންދު ކުރުމާއި ތާޅާލުމާއި އަދި ނަމާދު ކުރުމާއި އަޅުކަމާ ގުޅޭ ކަންކަމާ ނުގުޅޭ ތަފާތު ބޭނުންތަކުގައި މިސްތައް ބޭނުން ކުރާ ކަމަަށެވެ.

މިރިޕޯޓުތައް ޗައިނާގެ ސަރުކާރުން ދޮގުކޮށް ބުނެފައި ވަނީ، އެއީ ހުޅަނގުން ގެންގުޅޭ ނުބައި ތަސައްވުރެއް ކަމަށާއި ޗައިނާގެ ނަން ކިލަނބު ކުރުމަށް ފަތުރާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

ޗައިނާގައި މުސްލިމް އާބާދީ ބޮޑީ ހުޅަނގު އުުތުރުގެ ޕްރޮވިންސްތަކުގައެވެ. އެގޮތުން ޒިންޖިއާންގް، ގިންގްހައި، ގަންސޫ އަދި ނިންޖިއާ ހިމެނެއެވެ. އެގޮތުން ނިންޖިއާގައި ހުންނަ މިސްކިތްތަކުގެ ތެރެއިން ކޮންމެ 6 މިސްކިތަކުން 3 މިސްކިތެއްގެ މުންނާރު ވަނީ ތަޅާލާފައި ކަމަށާއި ބާކީ ހުރި މިސްކިތްތަކުގެ ނަމާދު ކުރާ މައި ހޯލު ވަނީ ހަލާކު ކޮށްލާފައި ކަމަށް ވެސް އެ ރިޕޯޓު ބުނެއެވެ.

ސެޓެލައިޓް އިމޭޖްތަކުން ދައްކާ ގޮތުގައި، އެފަދަ އެއް މިސްކިތެއްގެ މުންނާރު ތަޅާލައި ޗައިނާގެ ސަގާފީ ބަންޓަމަށް ހުންނަ ޕަގޯޑާއެއް ޖަހާފައި ވާ ކަމަށް ވެސް އެރިޕޯޓުގައި ބުނެފައި ވެއެވެ. އަދި 1300 މިސްކިތެއް ބަންދު ކޮށްފައި ވާ ކަމަށާއި އެއީ ނިންޖިއާގައި ހުންނަ މިސްކިތްތަކުގެ ތިންބައިކުޅަ އެއްބައި ކަމަށް 'ޗައިނާ މުސްލިމްސް' ގެ ސްކޯލަރެއް ކަމަށް ވާ ހަންނާ ތޭކަރާ ހަވާލާދީ ބީބީސީގައި ބުނެފައި ވެއެވެ.

ޗައިނާގެ މިހާރު ވެރިިކަމުގެ އެއް ސިޔާސަތަކީ އެގައުމުގައި އޮންނަ ސިޔާސީ ފިކުރާ ދީނީ ކަންކަންވެސް ދިމާވާ ގޮތަށް ބޭއްވުމެވެ. އެގޮތުން ދީނީ ޝިއާރުތައް ފާޅުކުރުމުގައާއި އެފަދަ ޝިއާރުތައް ފާޅުކުރުމަށް މާ ގިނަ ތަންތަން ހުންނަ ނަމަ އެތަންތަން ތެޅުމާއި ބަދަލުގައި ކުދި ތަންތަން ހެދުމަކީ އެ ސިޔާސަތުގެ ބައެކެވެ. މިފަދަ ސިޔާސަތަކާ ބެހޭ އާންމު އެންގުމެއް 2018 ގައި ނެރެފައިވެސް ވެއެވެ.

ޗައިނާގައި މުސްލިމުން ބެހިގެން ދާ މައިގަނދު ދެ ނަސްލެއް އޮވެއެވެ. އެއްބަޔަކީ 8 ވަނަ ގަރުނުގައި ޓޭންގް ދަރިކޮޅުގެ ވެރިކަމުގައި ޗައިނާ އަށް ހިޖުރަކުރި ހުއިސް ނަސްލުގެ މުސްލިމުންނެވެ. ދެވަނަ ބަޔަކީ އުގޫރު ދަރިކޮޅުގެ މީހުންނެވެ.

މިނިވަން ތިންކް ޓޭންކެއް ކަމަށް ވާ އޮސްތްރޭލިއާގެ ސްޓެރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓުން ބުނީ މުޅި ޗައިނާގައި ހުންނަ މިސްކިތްތަކުގެ ތިންބައިކުޅަ ދެބައި ވަނީ ތަޅާލާފައި ކަމަށެވެ.