ކިޔެވުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ސްކޫލުގައި ހަރަކާތްތައް ހިންގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ ކިޔަވައި ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ގައުމީ މަންހަޖުގައި އެ ދުވަހަކަށް ކިޔަވައި ދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައި ދޭން ކަމަށެވެ.

ސްކޫލުގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަ ގޮތަށް ބައެއް ހަރަކާތްތައް ބާއްވާތީ އޭގެ ސަބަބުން މުގައްރަރުގައި ކިޔަވައި ދިނުމަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކިޔަވައިނުދެވޭކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އެހެންވެ، ގާބިލިއްޔަތުތަކާއި އަގުތަކާއި ސިފަތައް އުނގަންނައި ދިނުން ތަރުތީބުވެގެން ނުދިއުމާއި މުގައްރަރު ފުރިހަމަކުރުމަށާއި މަގުސަދު ހާސިލްކޮށް ދިނުމަށް ޓާމުގެ ފަހުކޮޅު އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދަން ޖެހުމާއި އެއްފަހަރާ ފިލާވަޅުތައް ދޭންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އުނގެނުމާއި އުނގަންނައި ދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށް ނުވާހިނދު، މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"މިއީ، އުނގެނުމާއި އުނގަންނައދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށްނުވާހިނދު، މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވެ، ގައުމީ މަންހަޖުގައި ބަޔާންކުރާ މަގުސަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށް ހުރަސްއެޅެއެވެ." ސާކިއުލާގައިވެ.

ވީމާ، ސްކޫލުގައި ބާއްވާ ހަަކާތްތަކާ ގުޅިގެން، ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރުމަށް ވަނީ އަންގާފައެވެ.