މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވަށް އެންމެ ބޮޑު އަސަރެއް ކުރި އަހަރުކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ރާއްޖޭގެ އިގްތިސާދީ އަޕްޑޭޓް "ބެޓަން ޑައުން ދަ ހެޗަސް" ރިޕޯޓު ނެރުމަށް އިއްޔެ ވޯލްޑް ބޭންކުން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވީ ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ހުރީ ވަރަށް މަތީގައިކަމަށާ އޭގެ ސަބަބުން ރިޒާވަށް ބޮޑު އަސަރެއް ކޮށްފައިވާކަމަށެވެ. މި ގޮތުން ތެލަށް ކުރި ހަރަދާއި އަދި އެކި ހަރަދުތައް ހަމަޖެއްސުމަށް ރިޒާވަށް ޕްރެޝަރު ވަރަށް ބޮޑުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރިޒާވު ވަނީ 592 މިލިއަން ޑޮލަރަށް ދަށްވެފައިކަން ފާހަގަކޮށް އާޑަމް އޭޓަސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް ކުޑަވި އެއް ފަހަރުކަމަށެވެ. އަދި މި އަދަދުން ހަމައެކަނި ހަމަޖައްސާލެވޭނީ 1.9 މަހުގެ އިމްޕޯޓުންކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރު ފެށި އިރު ރާއްޖޭގެ ރިޒާވްގައި 790 މިލިއަން ޑޮލަރު ހުރިއިރު މިއީ ތިން މަހަށް ބޭނުންވާ އިމްޕޯޓުކަމަށް އާޑަމް އޭޓަސް ވިދާޅުވިއެވެ. މީގެއިތުރުން އާޑަމް އޭޓަސް ވިދާޅުވީ މި އަހަރު ރިޒާވުން ތެލުގެ ހަރަދުތައް ހަމަޖައްސަން 800 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ދާތީ، ދަރަނި ނަގާ ވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައި ކަމަށެވެ.

ޖީއެސްޓީއާ ހެދި ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށް އާޑަމް އޭޓަސް ވިދާޅުވީ މި ސަބަބުތަކާ ހުރެ އާމްދަނީ އިތުރުވެގެން ދައުލަތަށް ލިބުނު ފަސޭހައެއް ނެތް ކަމަށެވެ.

މީގެ އިތުރުން ވޯލްޑް ބޭންކުން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ހުށަހެޅި އިރު އެ އަދަދު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް ޑޮމެސްޓިކް މާކެޓުންނާއި ބޭރުން ވެސް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައެވެ. މިގޮތަށް ލަފާކޮށްފައިވަނީ ބަޖެޓަށް ފައިނޭންސް ކުރުމަށް ޑޮމެސްޓިކް މާކެޓުން މިހާތަނަށް ހޯދި ފައިސާގެ ތެރެއިން 35 ޕަސެންޓް ކޮމާޝަލް ބޭންކްތަކުން ހޯދާފައި ވާތީއެވެ.

ދުނިޔޭގެ މާލީ އިދާރާ އިން ލަފާކުރާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓު ކަމަށްވާއިރު މިއީ މިއަހަރަށް ވުރެ 1.3 ޕަސެންޓް ދަށް އަދަދެކެވެ.