ދުނިޔޭގެ ރީތީގެ ރާނީ ހޮވާ މުބާރާތް، 'މިސް ވޯލްޑް 2023'، އިންޑިއާގައި ބޭއްވުމަށް ނިންމައިފިއެވެ.

މީގެ ކުރިން ވެސް މިސް ވޯލްޑް މުބާރާތް އިންޑިއާގައި ވަނީ ބާއްވާފައެވެ. 1996 ވަނަ އަހަރު މިސް ވޯލްޑް އިންޑިއާގައި ބޭއްވި އިރު އޭގެ 27 އަހަރުފަހުން އިންޑިއާގައި ބާއްވާ ގޮތަށް މި އަހަރު ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މިސް ވޯލްޑް މުބާރާތުގައި 130 ގައުމަކަށް ނިސްބަތްވާ ބައިވެރިން ތާޖަށް ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިސް ވޯލްޑްގެ ޗެއާޕާސަން އަދި މިސް ވޯލްޑް ޖަމްއިއްޔާގެ ސީއީއޯ ޖޫލިއާ މޯލޭ ބުނީ އިންޑިއާ ފަދަ މުއްސަނދި ޡަގާފަތެއް އޮތް ގައުމެއްގައި ތާރީހީ މުބާރާތް ބޭއްވުމުގެ ޝަރަފު ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މީގެ 30 ވަރަކަށް އަހަރު ކުރިން އިންޑިއާ އަށް އައިރުވެސް އެންމެ ފުރަތަމަ ފާހަގަވީ އިންޑިއާގެ މުއްސަނދި ޡަގާފަތެއް އޮތް ގައުމެއް ކަމަށާއި އިންޑިއާއަށް އޭރު ކުރި ޒިޔާރާތުން ވެސް އިންޑިއާ ދެކެ ލޯބިވެވުނު ކަމަށެވެ.

އިންޑިއާގައި އެންމެ ފުރަތަމަ މިސް ވޯލްޑް މުބާރާތެއް ބޭއްވީ ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބް ބައްޗަންގެ ޕްރޮޑަކްޝަން ހައުސް އެބީސީއެލް ދަށުންނެވެ. މި އަހަރުގެ މިސް ވޯލްޑް ޕޭޖެންޓް ހުށައަޅަނީ ސިނީ ޝެޓީ އެވެ.

މީގެ ކުރިން ހަ ފަހަރު މިސް ވޯލްޑްގެ ތާޖު އިންޑިއާ އިން ވަނީ ކާމިޔާބުކޮށްފައެވެ. މިސް ވޯލްޑް މުބާރާތް ކާމިޔާބު ކުރި ތަރިންގެ ތެރޭގައި ރެއިތާ ފާރިއާ، ޑަޔާނާ ހައިޑްން، ޔުކްތާ މޫކްތީ، އައިޝްވަރްޔާ ރާއި ބައްޗަން، ޕްރިޔަންކާ ޗޯޕްރާ އަދި މަނޫޝީ ޗިލާ ހިމެނެއެވެ.