ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޖޭޕީން ކުރިމަތި ލުމަށް ހުޅުވާލާފައިވާ މަގާމުތަކަކީ:

  1. ޑެޕިއުޓީ ލީޑަރު
  2. އަންހެނުންގެ ލީގުގެ ރައީސް
  3. ޒުވާނުންގެ ލީގުގެ ރައީސް
  4. ޕާޓީގެ ގައުމީ ކޮންފަރެންސް އިންތިހާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ 8 މެމްބަރުންގެ މަގާމަށް
  5. ކޮމިޓީ އޮފް އެޑިއުކޭޝަންގެ ޗެއާ
  6. ކޮމިޓީ އޮފް ހެލްތުގެ ޗެއާ
  7. ކޮމިޓި އޮފް ޑިފެންސްގެ ޗެއާ
  8. ކެމްޕެއިން އެންޑް އިލެކްޝަންސްގެ ޗެއާ
  9. ކޮމިޓީ އޮފް ސޯޝަލް މީޑިއާގެ ޗެއާ
  10. ކޮމިޓީ ފޯ ޑަޔަސްޕޯރާ - އިންޑިއާގެ ޗެއާ
  11. ޕާޓީގެ ގައުމީ ކޮންފަރެންސް އިންތިހާބުކުރާ 25 މެމްބަރުންގެ ތެރެއިން، ހުސްވެފައިވާ މަގާމަށް 155 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އިންތިހާބުކޮށްފައިވާ މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް 1 މެންބަރު

ޖޭޕީން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ވާދަ ކޮށްފައެވެ. ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނުކުންނަވާ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހިފައެވެ. އެއާއެކު ޕާޓީގެ ހިމެނޭ އާންމު މެންބަރުންގެ އިތުރުން ޕާޓީގެ ބައެއް އިސް ލީޑަރުންވެސް ދަނީ ޖޭޕީ ދޫކޮށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅެމުންނެވެ.

އަދި ދާދި ފަހުން ވަނީ ޖޭޕީ އުވާލައި، މެމްބަރުން ޕީއެންސީއާ ގުޅުމާ މެދު ހިޔާލަކަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްސެވި ކަމުގެ އަޑުތަކެއްވެސް ފެތުރިފައެވެ. ނަމަވެސް އެ ޕާޓީން ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.