ތަރައްގީގެ ބާނީ އަކީވެސް ރޫހީ ލިޑަރަކީވެސް ޔާމީން ކަމަށާއި، ވޯޓުލާނީ ޔާމީން ދެއްކަވާ މީހަކަށް ކަމަށާއި އެނޫން ގޮތެއް ނެތް ކަމަށް ބުނަމުން ދިޔައީ ޕީޕީއެމްގެ މެންބަރުންނެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެތައް އަތޮޅަކަށް، އެތައް ރަށަކަށް އަޅުގަނޑުވެސް ދަތުރު ކުރީމެވެ. ޖޯލިފަތިތަކުން، ހޮޅުއަށިތަކުން، ޕާޓީތަކުގެ ޖަގަހަ ތަކުން، ކޮފީޝޮޕްތަކުން ގޮސް ތޮށިގަނޑުމަތީގައި މަސްބާނަން ތިބި މީހުންނާވެސް ވާހަކަ ދައްކާ ހެދީމެވެ.
އޮކްޓޯބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ވާދަ ވެރި 2 ކެންޑިޑޭޓުންނާ ގުޅޭ ގޮތުން އެމީހުންގެ ހިޔާލަކި ކޮބައިތޯ އަހައި އޮޅުން ފިލުވީމެވެ. އޭރު ހިނގަމުން ދިޔަ ވެރިކަން [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ގެ ވެރިކަމުގައި ހުރި މައްސަލަތަކަކީ އެމީހުންގެ ނަޒަރުގައި ކޮބައިތޯ އަހައި އޮޅުންފިލުވީމެވެ.
އޭގެ ތެރެއިން 90 ޕަސެންޓް މީހުން ބުނީ، އެންމެ ބޮޑު މައްސަލައަކި "އިންޑިއާ މައްސަލަ" ކަމަށެވެ. އެ މައްސަލަ އަކީ ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާ އަށް އަޅުދާސްތު ވެފައި އޮތުން ކަމަށާއި ރާއްޖޭގެ އެތަން މިތާނގައި ހިންގަމުން ދިޔަ ކުދި ބޮޑު ހުރިހާ މަޝްރޫއެއްހެން ދީފައި އޮތުން ކަމަށް ބުންޏެވެ. ދެން އެންމެ ބޮޑު މައްސަލައެއް ކަމަށް ފާހަގަ ކުރީ، ރަށްރަށާ ނުބައްދަލު އަދަދުތަކުން މުވައްޒަފުން ލައިގެން ފެނަކަ ހިންގަމުން ދިޔުމެވެ.
ރަށްރަށުން ވާހަކަ ދެއްކި މީހުންގެ ތެރެއިން އަނެއް ބަޔަކު ފާހަގަ ކުރި މައްސަލައަކީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ކައިފަ ވެސް" ކުދިކުދި މަސައްކަތް ކޮށްލައިގެން ރަށްފުށުގައި ދިރިއުޅޭ މީހުންނަސް ވެސް ޕްރޮޖެކްޓްތައް ލިބުނު ކަމަށާއި ޖީބަށް ފައިސާ ވަންނަމުން ދިޔަ ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގައި މަސައްކަތެއް ނުލިބި ޖީބަށް ފައިސާއެއް ނުވަނުމުގެ މައްސަލައެވެ.
ވެރިކަމުގައި ހުންނަވާ ހިންގެވި ހިޔާނާތެއްގެ ސަބަބުން އޭރުވެސް ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަގުބޫލުކަން ކުޑައެއް ނޫނެވެ. ގިނަ ރަށްރަށުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މީހުންވެސް ބުނީ، އެމީހުންނަށް ޔާމީން ކަމުދާ އެއް ސަބަބަކީ އެމީހުން ކުރާނެ މަސައްކަތް ޔަމީންގެ ވެރިކަމުގައި ލިބިގެން ދިޔުން ކަމަށެވެ.
ރަށްފުށުގެ ޕީޕީއެމްގެ މެންބަރުންގެ މެދުގައި ވެސް އެޝުއޫރު އެ ގޮތަށް ހުއްޓެވެ. އޭގެ އިތުރުން ޕީޕީއެމްގެ މެންބަރުން ބުނަމުން ދިޔައީ ރައީސް ޔާމީން ޖަލުގައި އޮންނަވަނީ 'ހަރާމް ހުކުމެއްގައި' ކަމަށާއި އެމީހުންގެ ލީޑަރަކީވެސް އަދި އައިކަން އަކީވެސް ޔާމީން ކަމަށެވެ.
އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލި، އެ ޓިކެޓް ހޯއްދެވި ގޮތަކުން ހޯއްދަވައިގެން ނިކުމެވަޑައިގެން ހުންނެވި ޑރ. މުހައްމަދު މުއިއްޒާ މެދު ހިޔާލަކީ ކޮބައިތޯ އެހުމުން ގިނަ މީހުން ބުނެފައި ވަނީ، މުއިއްޒަކީ ޔާމީން ދެއްކެވި ކެންޑިޑޭޓު ކަމަށާއި އެމަނިކުފާނަށް ދޭ ވޯޓަކީ ޔާމީން ވިދާޅުވީތީ، ޔާމީނަށްޓަކައި ދޭ ވޯޓެއް ކަމަށެވެ.
ޔާމީންގެ ފޮޓޯ ދައްކައިގެން ހޯދި އިންތިހާބު
ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހުރިހާ ޕޯސްޓްތަކެއް ވެސް ޕޯސްޓަރުތަކެއްވެސް ބިނާ ކުރީ ރައީސް ޔާމީންގެ ޕިންކް ކުލައާއި ފޮޓޯފުޅަށެވެ. މުއިއްޒާއި ރަނިންމޭޓަށް ވުރެ ބޮޑުކޮށް އެ ދެބޭފުޅުންގެ ކުރިމަތިން ފެންނަ ގޮތަށް ހުރީ ޔާމީންގެ ފޮޓޯފުޅެވެ. ބޭއްވި ކޮންމެ ޖަލްސާއަކާއި އިވެންޓެއްގެ ކުރީ ގޮނޑިބަރީގެ މެދަށް ހުންނަ ގޮނޑި ހުސްކޮށް އޭފޯ ކަރުދާސްގަނޑެއްގައި ރައީސް ޔާމީންގެ ނަންފުޅު ޖަހާފައި ހުއްޓެވެ.
ކޮންމެ ޖަލްސާއެއް، އަދި އިވެންޓެއް ފަށަނީ ރައީސް ޔާމީނުގެ ނަންފުޅުގައެވެ. ހުރިހާ ވާހަކައެއް ބިނާ ކުރަމުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމާއި ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އެއީ ކަމުގައި ވިދާޅުވަމުންނެވެ.
ސަޕޯޓަރުން އަތްޖަހަމުން ނަށަމުން ގެންދިޔައީ އެކަން އޭރު ގަބޫލުކޮށްގެން ތިބެއެވެ. އެ މޫސުމުގައި ބައްދަލުވި ކޮންމެ މީހަކު ބުނީ، އެ އިންތިހާބުގައި ޑރ. މުއިއްޒަށް ދޭ ވޯޓަކީ ޔާމީނަށް ދޭ ވޯޓެއް ކަމަށެވެ. ވޯޓުލީ ދުވަހުވެސް ޕީޕީއެމްގެ މެންބަރުންގެ ވާހަކަތައް ހުރީ ހަމަ އެގޮތަށެވެ. ވޯޓުލީ މަރުކަޒުތަކުގެ ބޭރުން ބައްދަލުވި ޕީޕީއެމްގެ ކޮންމެ ސަޕޯޓަރަކު ބުނެފައި ވަނީ 'މިފަހަރު ރައީސް ޔާމީން މިނިވަން ކުރާނެ' ކަމަށެވެ.
ފެންނަމުން ދިޔަ ކުލަތަކާއި ޖަހަމުން ދިޔަ ލަވަތަކާއި ދައްކަމުން ދިޔަ ވާހަކަތަކުގެ އިތުރުން މެންބަރުންގެ ރޫހު ހުރިގޮތުން އެނޫން ގޮތެއް އޮތް ކަމަކަށް އޭރަކު އަޅުގަނޑަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ.
"ޔާމީން ބުންޏަސް އަބަދު މަގުމައްޗަކު ނުތިބެވޭނެ"
އިންތިހާބުގެ ނަތީޖާ ނިމެން ވަގުތު ކުޑަތައްވަމުން ދިޔަ ވަރަަކަށް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތު ކައިރީގައި މުގޯލި އަޅާ މީހުންތައް ގިނަވަމުން ދިޔައެވެ. ފައިނަލް ނަތީޖާއާއެކު ދިމްޔާތުގައި 'ފޫކޮޅު ޖައްސާނާލެ" ތަންކޮޅެއްވެސް ނެތޭ ބުނާހާ މީހުން ގިނަވިއެވެ. މުއިއްޒަށް ނޫނީ ވޯޓު ލީ ހަމަ އެކަކާވެސް ދިމައެއް ނުވިއެވެ.
ދުވަހަކު ސިޔާސީ ހަރަކާތެއްގެ ތެރެއިންވެސް އަދި މުއިއްޒުގެ މިނިސްޓަރުކަމުގެ ސުވަސްވަރުގައި ކައިރިންވެސް ނުފެންނަ އެތައް މޫނެއް ފާޅުވެގެން ދިޔައެވެ. އެންމެންނަކީވެސް މުއިއްޒުގެ މީހުންނަށް ވެ ނިމިއްޖެއެވެ.
ހުވާ ކުރުމާ ދެމެދަށް އައި އިންތިގާލީ މަރުހަލާ އައި އިރު، ފޮނުވާ ސީވީތައް ގިނަ ވިއެވެ. ކުރިން ޔާމީނަށްޓަކައި މަރުދަން ޖެހުނު މީހުންގެ ރާގު ބަދަލުވިއެވެ.
މިއީ އެކެއްގެ ވާހަކައެވެ. ޔާމީނަށްޓަކައި އެތައް މުޒާހަރާއެއްގައި ފުލުހުންގެ ޕެޕާ ސްޕްރޭ ފުޅިތައް ހުސްވި އިރު ވެސް ހުރި މީހެކެވެ. ޖަލަށް ވެސް ދިޔަ މީހެކެވެ.
އެފަދަ ދެވަނަ މީހަކާވެސް ދިމާވިއެވެ. އެއީ މިހާރު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. ވިދާޅުވީ، ޔާމީންގެ ޗެޕްޓާ ނިމުނީ ކަމަަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ދުވަހު [މުއިއްޒަށް ޓިކެޓް ދިން ދުވަސް] ޕާޓީ އޮފީހުގައި ހިނގި ހާޖާނުގަނޑުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިއަދު މުއިއްޒުގެ ކެބިނެޓުގައި ވެސް އެބަތިއްބެވި ކަމަށެވެ. އޭގެ ތެރޭގައި އެދުވަހު ޔާމީނަށް ކުރިމަތި ނުލެއްވިގެން އުފެދުނު އޮޕްޝަން ބީ އައިނަމަ އެ ޓިކެޓް ލިބިވަޑައިގަންނަވާނެ ބޭފުޅުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދުވަހުގެ އެ ހާޖާނުގައި ޕާޓީ އޮފީހުގައި މުއިއްޒުވެސް އިންނެވި އިރު، ބައެއް މީހުން ރުޅި ގަދަވެގެން ގޮސް މުއިއްޒުގެ 'ދަތްދޮޅި ދޮށަށް އަތް ކޮއްޕާލި' ކަމަށާއި އޭގެ ބައެއް މީހުންވެސް މިއަދު ތިބީ މުއިއްޒު އާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒުގެ ސަރުކާރުގެ ކުޅިބައި އަތުރައި ނިމެމުން ދާ އިރު، ރިޔާސީ ޓިކެޓް މުއިއްޒަށް ހޯއްދަވައިދެއްވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ޕީއެންސީގެ އޭރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އޭނާގެ އާއިލާއާއި ގާތް ތިމާގެ ކިތަންމެ ބަޔަކާއި އެކިއެކި ގޮތްގޮތުން އެ އާއިލާ އާ ގުޅިފައި ވާ ކިތަންމެ ބަޔަކު މިއަދު ތިބީ މަގާމުތަކުގައެވެ. ޕީޕީއެމްގައި ނަގާކިޔާނެ ކިތަންމެ ބަޔަކު މިއަދު ތިބީ މުއިއްޒު ވެފައެވެ. ސަރުކާރުގައެވެ. ވަޒީފާގައެވެ. އަދިވެސް ލިސްޓު އޮތީ ކުރިއަށް ކަމަށް ވާއިރު، ޔާމީންގެ ފޮޓޯ ދައްކައިގެން އެ މެންބަރުންވެސް މަސައްކަތް ކުރީ މިއަދު ހޯދަން ކަމަށް ބުނެވިދާނެއެވެ. އެއީ ކޮންމެހެން ޔާމީން ދެކެ ލޯތްބަކުން ޔާމީން ވެގެން ދެއްކި ވާހަކައެއް ނޫން ކަމަށް ވެސް ބުނެވިދާނެއެވެ.
ޕާޓީ ނަގަން ޔާމީން އުފެއްދި ކުއްލި ކޮމިޓީ
ރޭ ޕްރެސް އަކަށް ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް އަކީ ތަފާތު ޕްރެސް އެކެވެ. މީގެ ކުރިން އަރިމަތިން [ތާވަޅަ އައިނެއްގެ އަރިމަތިން އުޅޭ ކޮރަކަރި ތަކެއްހެން] އުޅެމުން ދިޔަ މެންބަރުން ކޮޅެއް ބޭއްވި އެ ޕްރެސްގައި އިސްކޮށް ހުންނެވީ ޔާމީން ރަނިންމޭޓުކަން ދެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަހު ކުރީގެ މިނިސްޓަރު މުހައްމަދު މަލީހުއެވެ. ދެން ހުންނެވީ ޔާމީން ވެރިކަމުގައި ކަސްޓަމްގެ ވެރިއަކަށް ހުންނެވި އައްބާސް އާދިލް ރިޒާއެވެ. އެ ބޭފުޅުން ރޭ ވިދާޅުވީ، ޕީޕީއެމް އަކީ އެންމެ ބޮޑު ޕާޓީ ކަމަށާއި ޑރ. މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީ އަކި އެންމެ 3500 މީހުންގެ ޕާޓީއެއް ކަމަަށެވެ. އެހެން ކަމުން ޕީޕީއެމްގައި މެންބަރުން ދެމިތިބެން ޖެހޭ ކަމަށާއި ޕީޕީއެމްގެ މެންބަރުން ޕީއެންސީއަަށް ދިޔުމަކީ ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
މިވާހަކަތަކުން ދޭހަވީ، ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ފަށާފައި ވާ ކެމްޕެއިނާ ގުޅިގެންނާއި ކުރިން ފާހަގަ ކުރި ގޮތަށް އަބަދު މަގުމަތީގައި ތިބެވެން ނެތިގެންނާއި ވަޒީފާގެ ބޭނުމުގައި އެތައް ބަޔަކު ޕީއެންސީއަށް ބަދަލުވަމުން ދާ ކަމެވެ. އަދި މެންބަޝިޕް ޑްރައިވް އިތުރަށް ވަރުގަދަ ކުރުމަށް އިއްޔެ ވަނި ޕީއެންސީގެ ވަކި އޮފީހެއްވެސް ހަމަޖައްސާފައެވެ.
ރޭގެ އެ ޕްރެސްގެ މައްސަލަ ހޫނުވެ، އަސާސީ ގަވައިދުގެ 8 ވަނަ މާއްދާއާ ހަވާލާދީ އެކަމުގައި އިސްކޮށް ހުންނެވި މަލީހު ވަނީ ޕާޓީން ސަސްޕެންޑް ކޮށްފައެވެ. އަދި މައްސަލަ ސްލޫކީ ކޮމިޓީއަށް ފޮނުވާފައި ވާ އިރު، އެޕާޓީގެ އެސްޖީ އާއި ތަރުޖަމާނު، ދައުރު އަދާ ނުކުރާ ކަމަށް ރޭ ދެއްކި ވާހަކަ އެ ދެބޭފުޅުން [މުހައްމަދު ތޮލާލް އާއި ހީނާ ވަލީދު] ދޮގު ކުރައްވާފައި ވާ އިރު މިއަދު ވަނީ މައްސަލަގަނޑު އުތުރަށް ހޫނުވެފައެވެ. އެސްޖީއަކަށް ހުންނެވި ތޮލާލަކީ މިހާރު މިސަރުކާރުގެ ސްޕޯޓްސް ކޮމިޝަނަރެވެ. ހީނާ އަށް ކުންފުންޏެއްގެ އެމްޑީކަން އޮތީ ހުށަހަޅާފައެވެ.
ޕީޕީއެމްގައި ކިތަންމެ މެންބަރުން ގިނަޔަސް، ކުރިން ދެއްކި ފޮޓޯ ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. މަގުމަތީގައި އަބަދު ތިބެވެން ނެތް ބަޔަކު ކުރިން ނެގި ފޮޓޯ ބަދަލު ކޮށްފިއެވެ. މިއަދު އާ ފޮޓޯގައި ބުނަނީ "އޭ މިތިބަ މެންބަރުންނޭ، ތިބާ މަގުމަތިވާން ބޭނުން ނުވާނަމަ ޕީއެންސީއަށް ވަންނާށޭ!" އެވެ.
މައުމޫނު އަދި ނަޝީދު އަށް ވީގޮތް ރައީސް ޔާމީނަށް ނުވާނެ ކަމުގެ އަލިގަދަ ދަލީލު ތަކޭ ފެނިގެންދަނީ މައްސަލަ ތައް ދަނެގަނެ އަވަހަށް ސިޔާސީ ޕާރޓީ އެއް އުފައްދަން ނިންމުން މީގެ ރަނފަޅު ނަތީޖާ ފެންނާނެއޭ ސުމަކުން މަމެން ފަށާތާ 4 އަހަރު ތެރޭ ރަނގަޅު ނަތީޖާ ނެރޭނަމޭ ތަމެން ބަލަންތިބޭތި އަދުރޭ އާއި ޝިޔާމް މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ
ރައީސް ޔާމީން ޕީޕީއެމް އިން އިސްތިއުފާ ދިނުން މާނައަކީ ރައީސް ޔާމީން މިސަރުކާރަށް ކުރާ ތާއީދު އަނބުރާގެނައީއޭ ޕީޕީއެމްގެ ސިޔާސަތު ކުރިއަރުވާނެ ވަޒީރުންނެއް ނޫން މުއުއްޒު ނެގީ އޭނާގެ އަމިއްލަ ސިޔާސަތު ކުރިއަރުވާނެ ވަޒީރުން އޭނާ ނެގީ ބަލަގަ ޕެޓް ފެންފުޅި ނުއުފެއްދުމުން ގެއްލުން ވަނީ ނިކަމެތި ރައްޔިތު މީހާ އަށް މިކަންވެސް ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ހުއްޓުވަން ނުކެރުނޭ މުއިއްޒު އަށް މުއިއްޒު ވެރިކަމަށް އައީ ކިއެއްކުރަންތޭ