ސްކޫލްތަކުގެ ލައިބްރަރީގައި ބޭނުން ކުރަމުންދާ ފޮތްތަކާއި އާލާތްތަކަކީ އިސްލާމް ދީނަށް ފެތޭ ތަކެތިކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ލައިބްރަރީގައި ބޭނުން ކުރަމުންދާ ފޮތްތަކުގެ އިތުރުން އެެހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި އާދަކާދަތަކަށް ފުށުއަރާ ތަކެތި ހުރިކަން އެ މިނިސްޓްރީއަށް ފާހަގަ ވެފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ބޭނުން ކުރަމުންދަނީ އެފަދަ ތަކެތިތޯ ބަލާ އެކަން ކަށަވަރު ކުރުމަށް ސްކޫލްތަކަށް ވަނީ އަންގާފައެވެ.

"އަދި އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލްތަކަށް ހަދިޔާ ކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުން ކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށް ދަންނަވަން" މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައި ވެއެވެ.

އަދި އެފަދަ އާލާތްތައް ހުރިނަމަ އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން އެ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރުމަށް ވަނީ އެދިފައެވެ.