އާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ، އޭނާގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.
މިހާރު ހިނގަމުންދާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ހައިދަރަށް 'އިންތިހާ' އަށް އެބައޮތް ކަމަށާއި، އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދީ އޮތުމުގެ ޖާގައެއް މަޖިލީހަށް ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ރައީސްކަން ވެސް ކުރިން ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި ހައިދަރަކީ ޕްލޭނިން މިނިސްޓްރީ އުފެދުނީއްސުރެ މަސައްކަތްކުރައްވަމުން ގެންދެވި ފަންނީ ބޭފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ، ފްލެޓު ލިސްޓު އަލުން އެކުލަވާލައި މުރާޖައާ ކުރަން ޖެހޭ ކަމަށް ވިދާޅުވެ ހައިދަރު ދެއްކެވި ވާހަކަ ރަނގަޅު ކަމަށެވެ.
ހަމަ އެއާއެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފްލެޓު ލިސްޓާ މެދު އާންމުން ހިތްހަމަނުޖެހިގެން އެމަނިކުފާނަށް ވެސް ޝަކުވާ ހުށަހެޅި ކަމަށެވެ.
ހައިދަރުގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނީ މާލޭ މީހުންނަށް ނިމިދިޔަ ސަރުކާރުން ދޭން ނިންމި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު މުރާޖައާކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، ހައިދަރަށް ރުހުން ނުދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދު ގޮވާލައްވާފައި ވަނިކޮށެވެ. ބަޖެޓު ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން މީކާއީލް ވަނީ، ބަޖެޓަށް ބަލާލުމުން ފެނިވަޑައިގަންނަވަނީ ސަރުކާރުން މާލޭ މީހުންގެ ބޯހިޔާވަހިކަން 'ފޭރިގަންނަ' މަންޒަރު ކަމަށް ސިފަކުރައްވައިފައެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރަޖިސްޓްރީ ދޫކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފައި ހުރި ބައެއް ތަންތަނަކީ ހިއްކާފައި އޮތް ބިމަކުން ދީފައިވާ ތަންތަން ނޫން ކަމަށާއި، އެހެންކަމުން ގާނޫނީ ގޮތުން އެކަމުގައި އޮންނަ ގޮތް ބައްލަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުން ދޫކުރި ފްލެޓުތަކާ ބެހޭ ގޮތުން ބައިވަރު ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި އެކަމުގެ ތެރޭގައި އޭސީސީން ވެސް އެންގުންތަކެއް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަން ބަލައި ލިސްޓު މުރާޖައާކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދެމެދު ގިނަ އަދަދެއްގެ ފްލެޓާއި ބިން ދޫކުރި ކަން ފާހަގަކުރައްވައި ހައިދަރު ވިދާޅުވީ، އެ ތަންތަން ދީފައިވަނީ ހައްގުވެރިންނަށްތޯ ބައްލަވާނެ ކަމަށެވެ.