އިނގިރޭސިވިލާތާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ނަޝީދު ވިދާޅުވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި އިނގިރޭސިވިލާތާއެކު ރަނގަޅު ވަރުގަދަ ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކިންގް ޗާލްސް އާއި ރައީސް ބައްދަލު ކުރައްވާފައި ވަނީ މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލު ކުރެއްވުން ބާއްވާފައި ވަނީ ޝާހީ ގަނޑުވަރު ވިންޑްސާ ކާސަލްގަ އެވެ. މަތީ ފަންތީގެ ބައްދަލުވުންތަކަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫކޭއަށް ފުރާވަޑައިގެންފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމާ ދިމާކޮށެވެ. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
ރައީސް މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފައެވެ.