2026 ވަނަ އަހަރު ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށްގެން 8-10 މެގަވޮޓްގެ ހަކަތަ އުފައްދާ މާލެ ސަރަހައްދުގެ ކަރަންޓް ގްރިޑަށް ދޫކުރެވިގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތޯރިގު މިފަދައިން ވިދާޅުވީ އިއްޔެ ތިލަފުއްޓަށް ވަޑައިގެން އެތަނުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
މިހާރު ތިލަފުށީގައި ކުރިއަށް ގެންދާ މަޝްރޫއަކީ އޭޑީބީގެ ހިލޭ އެހީއާއި އޭއައިއައިބީ (އޭޝިއަން އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓް ބޭންކް) އަދި އައިއެސްޑީބީ (އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް) ގެ އިތުރުން ޖަޕާން ސަރުކާރުގެ ހިލޭ އެހީ އަދި ދިވެހި ސަރުކާރުގެ ބައިވެރި ވުމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއަކީ ކުނި މެނޭޖްކުރުމުގެ އެންމެ ބޮޑު މަޝްރޫއު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ޑިސެމްބަރަށް ނިމޭނެ ކަމަށާއި ދެވަނަ ފިޔަވަހި 2026 ވަނަ އަހަރަށް ނިމޭނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. 2026 ވަނަ އަހަރު މި ޕްލާންޓްގެ މަސައްކަތް އެއްކޮށް ނިންމާލުމުން ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށްގެން 8-10 މެގަވޮޓްގެ ހަކަތަ އުފައްދާ މިސަރަހައްދުގެ ކަރަންޓް ގްރިޑަށް ދޫކުރެވިގެންދާނެ ކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއުގެ އަގަކީ 3.2 ބިލިއަން ދިވެހި ރުފިޔާއެވެ.
ތޯރިގު ވަނީ ތިލަފުށީގައި ކުނި މެނޭޖްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަލަށް ތަރައްގީކުރަމުންދާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވާލައްވައި މަޝްރޫއުގެ ސްޕީޑަށް އަސަރުކުރާ މައިގަނޑު ގޮންޖެހުންތައް ކޮންޓްރެކްޓަރުންނާ ސުވާލުކޮށް ތޯރިގު ވަނީ އޮޅުންފިލުވާލައްވާފައެވެ. އަދި އެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް މަޝްރޫއުގެ ތާވަލާއި އެއްގޮތަށް ނިންމެވުމަށް މަޝްރޫއުގެ ކޮންޓްރެކްޓަރަށް ތޯރިގު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ތިލަފުށީގައި އަލަށް ހިއްކި ސަރަހައްދުގެ ތެރެއިން ބޮޑު ބިމެއްގައި ގާއިމްކުރަމުންދާ އެ ޕްލާންޓާއެކ މާލެ ސަރަހައްދާއި ޒޯން 3 ގައި ހިމެނޭ އިތުރު 4 އަތޮޅާއި އެ ސަރަހައްދުގައި ހުރި ރިސޯޓްތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަގްސަދުގައި ރާއްޖޭގައި ކުނި މެނޭޖްކުރުމަށް މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫއެވެ.
ތޯރިގު ވިދާޅުވީ ތިމާވެށީގެ މައްސަލަތައް ހައްލުކޮށް، ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯއްދަވައިދެއްވުމަށް އާ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިގެން ކުނި މެނޭޖުކުރުމަށް ގައުމީ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި އިއުލާނުކޮށް، އެކަން ތަންފީޒުކުރަން ފެށުމަށް ނިންމާފައިވާ ކަމަށެވެ.