ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ރޭމްޕް ހެދުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ނިމިފައިވަކަމަށާ، ދެން ކުރިއަށްދަނީ މިހާރު ހުރި ނެރު ބަންދު ކުރުމުގެ މަސައްކަތްކަމަށެވެ.

ނ. މަނަދޫ ބަނދަރުގެ މަޝްރޫއުގެ ދަށުން، 14,844 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 15,822 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 175 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ފުޅާ 244 މީޓަރު ދިގު ކޮންކްރީޓް ބްރިޖެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ 36.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.