ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ބޭރަށް ފުރާ ދިވެހިން ޓްރެވަލް ޑިކްލަރޭޝަން ފޯމް ފުރަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަން އިން ބުނީ، މިއަދު އިމިގްރޭޝަން ކޮންޓްރޯލާގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ޝަމްއާން ވަހީދު ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ. އެ ގޮތުން މިއަދުން ފެށިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރާ އަދި ރާއްޖެއިން ބޭރުން އަންނަ ދިވެހިން 'ޓްރެވަލް ޑިކްލަރޭޝަން' ފޯމް ފުރަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަަމަށް އިމިގްރޭޝަން އިން ބުނެއެވެ.

މި ފޯމް ފުރަން ނުޖެހޭ ގޮތަށް ހަމަޖައްސާފައި މި ވަނީ، ފޯމު ފުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ތަކުލީފްތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީ ކަމަށް އިމިގްރޭޝަން އިން ބުނެއެވެ. އަދި މި ބަދަލު ގެނެސްފައި ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު އިމިގްރޭޝަންގެ ހިދުމަތް ހޯދޭނެ މަގު ފަހިކޮށް ދިނުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ޓްރެވެލާ ހެލްތް ޑިކްލަރޭޝަން ފޯމް ރާއްޖޭގައި އަލަށް ތައާރަފް ކޮށްފައި ވަނީ ކޮވިޑްގެ ސަބަބުން ބޯޑަރުގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން ޖުލައި 15، 2020 ގައެވެ. އަދި އެއަށް ފަހު މާޗް 14، 2021 ގައި އެ ފޯމް އޮންލައިން ކޮށް ފުރިހަމަ ކުރާ ގޮތަށް ހަމަޖައްސާ ފޯމްގެ ނަން ވަނީ ޓްރެވަލް ޑިކްލަރޭޝަން ގެ ނަމަށް ބަދަލުކޮށްފައެވެ. އަދި މި ފޯމަކީ ރާއްޖެއަށް އަންނަ އަދި ފުރާ އެންމެން ފުރިހަމަ ކުރަން ޖެހޭ ފޯމެކެވެ.