ގަވައިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، ހުޅުމާލޭގައި ބިދޭސިން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އިއްޔެ ރޭ ހިންގި މި އޮޕަރޭޝަންގައި ސައްހަ ލިޔުންތައް ނެތި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ތިން ބިދޭސީން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.

ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން ޑީޕޯޓް ކުރުމުގެ ތެރއިން މިދޔަ އަހަރު ވަނީ 5012 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

މިއަހަރު މިހަތާނަށް އައި އިރު މި އަދަދު ވަނީ 6992 އަށް އަރާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ މީގެ ކުރީ 5 އަހަރުތެރޭ، 2018 އިން 2023 އާ ދެމެދު ބިދޭސީން ފުރުވާލި މިންވަރަށް ބާލާއިރު 263 ޕަސެންޓް އިތުރު އަދަދެކެވެ.

މިހާތަނަށް 6992 ބިދޭސީން ފުރުވާލާފައިވާ އިރު، މިހާތަނަށް 5000 އަށް ވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒް ކުރެވިފައެއެވެ. އަދި މި ވީ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި 150،000 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރީކް ޑޭޓާބޭސް ވަނީ ނަގާފައެވެ.