ފަލަސްތީނުގެ ހޮސްޕިޓަލްތަކަށް ހަމަލާތައް އަމާޒުކުރުމަކީ އެމެރިކާއިން ރުހުން ދީގެން އިޒްރޭލަށް ސަލާމަތްވެވޭނެ ނަފްސާނީ ހަނގުރާމައެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ފަލަސްތީނުގެ ހޮސްޕިޓަލްތަކަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތައް އިތުރުކޮށްފައި ވާއިރު، ހޮސްޕިޓަލްތައް އެތެރެއަށް ވަދެގަނެގެންވެސް ބިރު ދެއްކުމާއި އަނިޔާވެރިކަމުގެ އަމަލުތައް އިޒްރޭލުން އަންނަނީ ހިންގަމުންނެވެ. ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުންނަށް އިޒްރޭލު ސިފައިން އިންޒާރު ދެނީ ބަލި މީހުން ގޮވައިގެން ވިޔަސް، އެމީހުން ދޫކޮށްލާފައި ވިޔަސް، ހޮސްޕިޓަލު ދޫކޮށް ނިކުތުމަށެވެ. އެތައް ހާސް ބަޔަކު އަދިވެސް އެތެރޭގައި ތިބި ނަމަވެސް ހަމަލާތައް އަދިވެސް އަންނަނީ ދެމުންނެވެ.

މިދިޔަ ހޯމަ ދުވަހު މި ހާލަތު ކުރިމަތިވީ ގާޒާގެ ބެއިޓް ލާހިއާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލަށެވެ. އިޒްރޭލުން އެ ތަނަށް ދިން ހަމަލާތަކުގައި 12 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ހަތިޔާރު އެޅި އުޅަނދުތައް ހޮސްޕިޓަލް ވަށާލައި އެތަން ވަނީ ހިސޯރު ކޮށްފައެވެ.

ނަމަވެސް އެއީ އިޒްރޭލުގެ އަސްކަރިއްޔާގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހުނު އެންމެ ފަހުގެ މެޑިކަލް ސެންޓަރެވެ.

ގާޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައަށް ހަ ހަފުތާ ވެފައި ވާއިރު، ރެފިއުޖީ ކޭމްޕްތަކާއި ސްކޫލްތަކާއި ފައްޅިތައް ވެސް އިޒްރޭލުގެ ހަމަލާތަކުން ސަލާމަތް ނުވި ނަމަވެސް، ހޮސްޕިޓަލްތަކަށް ދިން ހަމަލާތަކަކީ ހަމަނުޖެހުންތަކުގައި ހައްދުން ނެއްޓުމުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. ގާޒާގެ 35 ހޮސްޕިޓަލްގެ ތެރެއިން މަދުވެގެން 21 ހޮސްޕިޓަލް - އޭގެ ތެރޭގައި އެ ސްޓްރިޕްގެ ހަމައެކަނި ކެންސަރު ސެންޓަރު ވެސް ހިމެނޭ ގޮތަށް - ހިދުމަތް މުޅިން ހުއްޓިފައި ވާއިރު އަނެއް ބައި ހޮސްޕިޓަލްތައް ހަލާކުވެ، ބޭހާއި ޒަރޫރީ ސާމާނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ތެޔޮ ނުލިބުމުގެ ސަބަބުން ހުއްޓިފައިވާ އިންކިއުބޭޓަރުތަކާއި، ތަޣައްޔަރުވެފައިވާ ފެނާ އެކު ފޯމިއުލާ އެއްކޮށްގެން ހަފުތާތަކެއް ވަންދެން ބޯންދިނުމަށް ފަހު އާދީއްތަ ދުވަހު، ދުވަސް ނުފުރާ 31 ތުއްތު ކުދިން ވަނީ ގާޒާގެ ދެކުނުގައި އޮންނަ ރަފާހަށް ގެންގޮސްފައެވެ. މީގެ ކުރިން ވެސް 39 ތުއްތު ކުއްޖަކު ވަނީ މަރުވެފައެވެ.

ހަގީގަތުގައި އިޒްރޭލު ސިފައިން ވަނީ މިދިޔަ ހަފުތާއިން ފެށިގެން އަލް ޝިފާ ހޮސްޕިޓަލަށް އަރައިގަންފައެވެ. ގާޒާގެ އެހެން ހޮސްޕިޓަލްތަކެކޭ އެއްފަދައިން އަލްޝިފާ ހޮސްޕިޓަލުން ވެސް ގެންދަނީ އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް އާންމުންނަށް ފަރުވާ ދެމުންނެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގާޒާގައި ހިފާފައިވާ ހުޅަނގު އައްސޭރިއަށް އެމީހުންގެ ވިސްނުން ފުޅާކޮށް، ހަތިޔާރު އެޅި އުޅަނދުތައް މަދުވެގެން ހަތަރު ހޮސްޕިޓަލެއް ވަށާލާފައެވެ. ހުޅަނގު އައްސޭރީގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އިބްނު ސީނާ ހޮސްޕިޓަލް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި ނޮވެމްބަރު މަހުގެ ކުރީކޮޅު އިޒްރޭލު ސިފައިން ވަނީ އިރުމަތީ ގުދުސްގެ ހޮސްޕިޓަލަކުން ބައެއް ބަލި މީހުންނާއި އެމީހުންގެ އެހީތެރިން ހައްޔަރު ކޮށްފައެވެ.

ނަމަވެސް އިޒްރޭލުން ފަލަސްތީނުގެ ހޮސްޕިޓަލްތަކަށް ހަމަލާތައް އަމާޒުކުރަނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބޮޑެތި ޖަމިއްޔާތަކުން ވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުން ދާ އިރު، ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެއެވެ.

"ރައްކާތެރި އެއްވެސް ތަނެއް ނެތް"

ރަސްމީކޮށް އިޒްރޭލުން ބުނަމުން ދަނީ އެމީހުންގެ ހަމަލާތައް އަމާޒު ކުރަނީ ހަމާސްގެ ހަނގުރާމަވެރިން ނުވަތަ އިންފްރާސްޓްރަކްޗާ ތަކާއި މަރުކަޒުތަކަށް ކަމަށެވެ.

މިސާލަކަށް ހަމާސް އިން އަލް ޝިފާ ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ނަމަވެސް ހަމާސް އިން ވަނީ އެ ވާހަކަ ދޮގުކޮށް، އެތަނުގެ ކޮންޓްރޯލް އަތުލިތާ ދުވަސްތަކެއް ފަހުން، އިޒްރޭލުން ދައްކާ ވާހަކަތަކަށް ހިތްވަރުދޭ ހަރުދަނާ ހެއްކެއް އެމީހުންނަށް ދެއްކެން ނެތް ކަމަށް ބުނެފައެވެ.

ދޯހާގެ މިޑްލް އީސްޓް ކައުންސިލް އޮން ގްލޯބަލް އެފެއާޒްގެ ފެލޯ އުމަރު ރަހްމާން ވިދާޅުވި ގޮތުގައި އިޒްރޭލުން ހޮސްޕިޓަލް ތަކަށް ހަމަލާތައް އަމާޒުކުރާ ހަގީގީ ސަބަބު ތަފާތެވެ. އެއީ ނަފްސާނީ ހަނގުރާމައިގެ ވައްތަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހޮސްޕިޓަލްތަކަށް ހަމަލާ ދިނުމުން އާބާދީއަށް އަންގައިދެނީ ފަލަސްތީނަށް އެއްވެސް ތަނެއްގައި ރައްކާތެރިކަމެއް ނެތްކަން."
އުމަރު ރަހްމާން

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ ފަލަސްތީނުގެ ސީނިއާ އެނަލިސްޓެއް ކަމަށްވާ ތަހާނީ މުސްތަފާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ކޮންމެ ފެސިލިޓީއެއްގައި ވެސް ފަލަސްތީނަށް ނުރައްކާތެރި ކަމުގެ އިހުސާސް ކޮށްދިނުމުގެ އަމަލަކީ ކޮންމެވެސް ބާވަތެއްގެ ރެސިސްޓެންސް އެއް ކަނޑުވާލުމެވެ.

މުސްތަފާ ވިދާޅުވީ މިއީ ޒަމާނުއްސުރެ މެޑިކަލް ސްޓާފުންނާއި ހިދުމަތްތަކަށް ފުރައްސާރަ ކުރުމުގެ ވައްޓަފާޅީގެ ތެރެއިން ކުރާ ކަމެއް ކަމަށާއި، އިޒްރޭލުން ފަލަސްތީނަށް ދައްކުވައި ދެނީ އެއްވެސް މީހަކަށް އަދި ތަނެއްވެސް ރައްކާތެރި ނޫން ކަމަށެވެ.

އަދި މިއީ ނިޒާމީ ގޮތުން ލޯކަލް އާބާދީތަކަށް ބިރުދައްކައި، ދެކޮޅު ހެދުމުގެ ވިސްނުން ގެއްލުވާލުމަށް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ހަނގުރާމައިގެ ތެރޭގައި ވެސް އިޒްރޭލުން ވަނީ ހުޅަނގު އައްސޭރި އާއި ގާޒާގެ ގިނަ އެމްބިއުލާންސް ތަކަށާއި މެޑިކަލް ފެސިލިޓީތަކަށް އަމާޒުކޮށް، ހަމާސް ހަނގުރާމަވެރިން އެ ތަންތަން ބޭނުންކޮށްގެން ހިނގާބިނގާވެ ހިޔާވަހިކަން ހޯދައިގެން އުޅޭ ކަމަށް ބުނެފައެވެ. ނަމަވެސް އެ ވާހަކަތަކަށް ހިތްވަރުދޭނެ އެއްވެސް ހެއްކެއް އިޒްރޭލަށް ދެއްކިފައި ނުވާކަމަށް އެނަލިސްޓް ވިދާޅުވިއެވެ.

ހަމަލާތަކަށް އެމެރިކާގެ އެއްބާރުލުން

އިޒްރޭލުން ހޮސްޕިޓަލް ފަދަ މަދަނީ އިމާރާތްތަކަށް ހަމަލާތައް އަމާޒު ކުރަނީ އެކަމުން ސަލާމަތްވާނެކަން ހީވާތީކަމަށް ވޮޝިންޓަންގެ މައި މަރުކަޒު ކަމަށްވާ ކުއިންސީ އިންސްޓިޓިއުޓް ފޯ ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޓްރިޓާ ޕާސީ ވިދާޅުވިއެވެ.

ޕާސީ ވިދާޅުވީ އިޒްރޭލުން ބަލައިގަންނަ ހަމައެކަނި ހައްދުތަކަކީ އެމެރިކާއިން ކަނޑައަޅާ ހުއްޓުންތައް ކަމަށެވެ.

"އިޒްރޭލުގެ އަމަލުތަކަށް އެއްވެސް ހުއްޓުމުގެ ފިޔަވަޅެއް އެޅުމަށް އެމެރިކާ އިން ދެކޮޅު ހަދާހާ ހިނދަކު ބައިނަލްއަގުވާމީ އަޑުއުފުލުމަކީ މާބޮޑު ބަދަލެއް އަންނާނެ ކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ޕްރެޝަރު ނެތުމުން، އެމެރިކާ ސަރުކާރާ ގުޅިގެން މި ފުރުސަތުގެ ބޭނުން ހިފައި، ނުކުރެވިހުރި ކަންކަން އަންނަނީ ކުރަމުން ކަމަށް ޕާސީ ތުހުމަތު ކުރެއްވިއެވެ.

އެހެންނަމަވެސް، ހަނގުރާމައިގެ މަރުހަލާތައް ހިނގަމުން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ ތަސައްވުރު ހީނަރުވަމުން ދާއިރު، ހަމަލާތަކުގެ ނުރައްކާތެރިކަން ކުޑަކުރުމަށް އިޒްރޭލަށް ގޮވާލަން މަޖުބޫރު ވެދާނެއެވެ.

ޕާސީ ވިދާޅުވީ މިފަދަ އިޒްރޭލުގެ އަމަލުތަކަށް ފެހި ސިގްނަލް ދިނުމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އެމެރިކާގެ ދަރަޖަ އާއި އިތުބާރު ދަށަށް ދާ ކަމަށެވެ.

"މިކަން މާ ގިނަ ދުވަހު ކުރިއަށް ނުގެންދެވިދާނެ. ސަބަބަކީ މިކަމުގެ ސަބަބުން އެމެރިކާއަށް ލިބެމުންދާ ގެއްލުމަކީ ހަމައެކަނި ކެތްކުރެވޭނެ ވަރުގެ ގެއްލުމެއް ނޫން." އޭނާ ވިދާޅުވިއެވެ.