ވަކި ބޯޑެއްގެ ދަށުން ހިންގަމުން އައި ހޮސްޕިޓަލުތަކުގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

ކުރީގެ ސަރުކާރުން ވަކިން ހިންގަމުން އައި ސިއްހީ މަރުކަޒުތަކާއި ޓާޝަރީ ހޮސްޕިޓަލްތައް މިއަދުން ފެށިގެން ހެލްތު މިނިސްޓްރީގެ ދަށައް ބަދަލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓްރީ ތަކުގެ އޮނިގަޑަށް ގެނައި ބަދަލާ އެކުގައެވެ.

މި ގޮތުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)، ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުން ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ހިންގަމުން ދިޔަ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ހިންގުންވެސް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެގެން ދާނެކަމަށެވެ.

ރާއްޖޭގައި ސަރުކާރުގެ ހުރިހާ ހޮސްޕިޓަލެއް ވެސް ހިންގަން ވާނީ ހެލްތު މިނިސްޓްރީއާ ވަކިން ކަމަށް ނިންމާ ވަކި ބޯޑެއްގެ ދަށަށް ހޮސްޕިޓަލުތައް ބަދަލުކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. މި ބަދަލު ގެނެސްފައިވަނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއެކު ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުންކަމަށް އޭރު ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އޭރު ހެލްތު މިނިސްޓްރީގެ ޒިންމާއެއްގެ ގޮތުގައި އޮތީ ހޮސްޕިޓަލްތައް ހިންގަނީ ރަނގަޅަށްތޯ ބެލުމެވެ.