މުލިއާ ގެއަކީ އާސާރި ބިނާއެއް ކަމަށާއި އެތަނަށް ބަދަލު ގެންނަން އުޅުމަކީ ވަރަަށް އިހާނަތްތެރި ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުލީއާގެއަށް ބަދަލުވެވަޑައިގަންނަވާނީ މަރާމާތުގެ މަސައްކަތް ނިމުމުން ކަމަށް ރައީސް އޮފީހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުލިއާގެއަކީ 104 އަހަރު ވެފައިވާ ބިނާ އެއް ކަމަށާއި އެތަނަކީ އާސާރީ ބިނާއެއްކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ، އެ ތަނުގެ މައިގެއަށް ބަދަލު ގެންނަން އުޅުމަކީ ވަރަަށް އިހާނަތްތެރިކަމެއް ކަމަށާއި މިފަދަ ކަމެއް ކުރާނަމަ އެކަން އާންމު ރައްޔިތުންނަށް އޮޅުން ފިލުވައި ދޭންޖެހޭނެ ކަމަށެވެ.

އަކްރަމް ވަނީ މިކަމަށް އިސްކަމެއް ނުދޭތޯ އަހައި ހެރިޓޭޖް މިނިސްޓްރީ ޓެގުކޮށް ސުވާލު ކުރައްވާފައެވެ.

ރައީސް އޮފީހުން ވަނީ މުލީއާގޭގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން ރައީސް ބަދަލުވެވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ.

ރައީސް ޑރ. މުއިއްޒު މި ވަގުތު ހުންނަވާނީ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުލިއާގޭގައި މިހާރު އިތުރު ދެ ކޮޓަރި ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތަށް ދެ މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

މީގެ އިތުރުން ހިލާލީގޭގައިވެސް މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން ގެންދާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުވެސް ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ގެކޮޅުގައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މުލިއާގެ ދޫކުރައްވާ އަމިއްލަ ގެކޮޅަަކަށް ދިރިއުޅުން ބަދަލު ކުރައްވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މުލީއާގެއަކީ ރައީސުލްޖުމްހޫރީއްޔާގެ ދެކަނބަލުންނަށް ހާއްސަ ކޮށްފައި ހުންނަ ދައުލަތުގެ ގެކޮޅެކެވެ. މުލީއާގެ އިމާރާތް ކޮށްފައި ވަނީ މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އެ ގެކޮޅުގައި ދިރިއުޅުއްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމުގެ ފަހު ދުވަސްކޮޅު އެ ގެކޮޅުގައި އުޅުއްވިއެެވެ. އޭގެ ކުރިން އެ މަނިކުފާނު ދިރިއުޅުއްވީ އަމިއްލަ ގެކޮޅުގައެވެ.

މީގެ އިތުރުން ރައީސް ނަޝީދުވެސް އެ ގެކޮޅުގައި ދިރިއުޅުއްވިއެވެ.