ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާއެކު ސަރުކާރުގެ ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަން ހަމަޖައްސަވަފައި ވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގައި އެކުލެވިގެންވާ 22 ވުޒާރާއަށް ކިޔާނެ ދިވެހި ނަން ހަމަޖައްސާފައި ވާއިރު ވުޒާރާގެ ނަމާއި، ވުޒާރާއަށް ދިވެހިބަހުން ކިޔުމަށް ހަމަޖެހިފައިވާ ނަންތަކަކީ:

  • މިނިސްޓްރީ އޮފް ޑިފެންސް - ދިފާއީ ވުޒާރާ
  • މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ހާރިޖީ ވުޒާރާ
  • މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ފިނޭންސް - މާލީ ވުޒާރާ
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން- ތައުލީމީ ވުޒާރާ
  • މިނިސްޓްރީ އޮފް ހެލްތް - ސިއްހީ ވުޒާރާ
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
  • އެޓާނީ ޖެނެރަލްގެ އޮފީސް - ބަންޑާރަ ނައިބުގެ އޮފީސް
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް - އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ޓޫރިޒަމް - ފަތުރުވެރިކަމާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާޖީ - މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް - ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ - އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ - ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

މިއީ ސަރުކާރުގެ ވުޒާރާތަކަށް މިގޮތަށް ނަންތަކެއް ހަމަޖެއްސެވި ފުރަތަމަ ފަހަރު ކަމަށްވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މުއިއްޒު ވަނީ ދިވެހި ބަހާއި އިސްލާމް މާއްދާއަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.