ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކޮށް އެކުގައި ލަނޑުދަނޑިތައް ހާސިލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، ޗައިނާގެ ސްޓޭޓް ކައުންސިލަރު ޝެން ޔިކިން ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

މުއިއްޒު ވަނީ ރާއްޖެއާއި ޗައިނާގެ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފިއެވެ.

ޝެން ޔިކިން ވަނީ މުއިއްޒު މަގާމުގެ ހުވައި ކުރެއްވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، މި ފެށުނު ރިޔާސީ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތަހުނިޔާއާއި ހެޔޮއެދުންތައް ޝެން ޔިކިން ވަނީ ރައީސް އަށް ދަންނަވާފައެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ފާއިތުވި އަހަރުތަކުގައި ޗައިނާ ސަރުކާރުން ކޮށްދީފައި ވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއަދު މި ފެށެނީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ އެކުވެރިކަމުގެ އާ ބާބު ކަމަށެވެ.

މީގެ އިތުރުން ވެސް ސަރަހައްދީ އެއްބާރުލުމާއި އިގްތިސޯދީ އެއްބާރުލުމާއި ދޭދޭ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން އެއްބާރުލުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.