ފިލްމެއް ބެލުމުގެ މަގްސަދުގައި ނެޓްފްލިކްސް ހުޅުވާލީމެވެ. ކަމުދާނެ ކަހަލަ ފިލްމެއް ހޯދަން ނެޓްފްލިކްސް ރަނގަޅަށް ހާވާލީމެވެ. ފެނުނީ ޝިލްޕާ ޝެޓީގެ އާ ފިލްމެކެވެ. އެ ފިލްމު ބަލައިލުމުގެ ނިޔަތުގައި ފިލްމު ހުޅުވާލީ ފިލްމު ބެލުމަށް ޝައުގުވެރިވުމުންނެވެ. ސޮނާލް ޖޯޝީގެ ފުރަތަމަ ޑައިރެކްޝަން ސުކީ އަކީ ރީތި ފިލްމެކެވެ.

  • ތަރިން

ޝިލްޕާ ޝެޓީ (ސުއްކީ)، ޗައިތަންޔާ ޗޯދަރީ (ގުރޫ)، އަމިތު ސާދު (ވިކްރަމް)، ކޯޝާ ކަޕީލާ (މެހެރް)، ދިލްނާޒް އިރާނީ (މަންސީ)، ޕަވްލީން ގުޖްރާލް (ތަންވީ) އަދި ނިތާންޝީ ޖޮއެލް (ޖައްސީ) އެވެ.

  • މައިގަނޑު ވާހަކަ

ސުކީީ އަކީ އޭނާގެ ސްކޫލު ދައުރުން ފެށިގެން ކޮލެޖް މަރުހަލާ ނިމިގެން ދިޔައިރު ވެސް މަޝްހޫރު އަންހެން ކުއްޖެކެވެ. ކޮންމެ ކަމެއްވެސް ކުރަން ފަސްނުޖެހޭ ސުކީ އަކީ ސްކޫލުގެ ޕޮޕިއުލާ ގާލްއެވެ. ކުރުކޮށް ބުނާނަމަ ސުކީ އަށް ކުރަން ނުކެރޭ އެއްވެސް ކަމެއް ނޯވެއެވެ. ސުކީ އާއެކު އެންމެ ގާތުގައި އަބަދުވެސް ތިބެނީ އޭނާގެ އެންމެ ގާތް އެކުވެރިން ކަމަށްވާ މެހެރް، މަންސީ އަދި ތަންވީއެވެ. ސްކޫލު ނިމި ކޮލެޖް ނިމިގެންދިޔައިރުވެސް މި ހަތަރު އެކުވެރިންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ސްކޫލުގެ އިވެންޓެއް ތެރެއިން ސުކީ އަށް ގުރޫ ފެނެއެވެ. އަދި ގުރޫ އާއެކު އެކި ތަންތަނުން ދިމާވާން ފަށައެވެ. މަޑުމަޑުން ސުކީ އަށް ގުރޫ ދެކެ ލޯބިވެވެން ފެށެއެވެ. ނަމަވެސް ސްކޫލުގެ ގްރެޖުއޭޝަން ނިންމާލުމަށްފަހު ކުއްލިގޮތަކަށް ގުރޫ އޭނާގެ އަވަށަށް ދާންޖެހެނީ އޭނާގެ މައިންބަފައިން މަރުވުމުންނެވެ. ސުކީ، ދިއްލީގައި އެކަނިވިއެވެ. ގުރޫ އާއި ނުލައި ނޫޅެވޭނެ ކަން އެނގުމުން ސުއްކީ ގެއިން ފިލަނީ މައިންބަފައިންނަށް ވަގަށެވެ. އަދި ގޮސް ގުރޫ އާ ކައިވެނިކުރެއެވެ. ހަޔާތުގެ ބޮޑު ނިންމުމެއް މައިންބަފައިން ގާތު ނާހާ ނެނގުމުން ސުކީގެ ބައްޕަ ވަރަށް ރުޅިއައެވެ. އަދި ދުވަހަކުވެސް އެނބުރި ނާންނަން ސުކީ އަށް އަމުރު ކުރިއެވެ.

ކޮންމެއަކަސް ސުކީ އާއި ގުރޫ އުފަލުގައި އުޅެން ފެށިއެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީ ސުކީ އަށް ޖަސީ ކިޔާ އަންހެން ކުއްޖަކު ލިބެއެވެ. އާއިލާ އަށް ފައިސާ ހޯދައިދިނުމަށް ގުރޫ ދެގުނަ މަސައްކަތް ކުރަން ޖެހުނެވެ. 24 ގަޑިއިރުހެން އޮފީހުގައި މަސައްކަތް ކުރެއެވެ. ނަމަވެސް މައްސަލައަކަށްވީ އެކަމުގެ ސަބަބުން އަނބިދަރިން މަތިން ގުރޫ ހަނދާންނެތުމެވެ. އަނތްބަށް ދޭންވާ އަޅާލުމާއި ލޯބި ނުދީ، ދަރިއެއް ހުންނަ ކަންވެސް ގުރޫ ގިނަ ފަހަރު ހަނދާންނެތެއެވެ. ގިނަ ވަގުތު މަސައްކަތުގައި އުޅެން ފެށިއެވެ. ނަތީޖާ އަކަށްވީ ސުކީ ކޮށްދޭ އެއްވެސް ކަމެއް ގުރޫ ބަލައިނުގަތުމެވެ. ގޭތެރޭގައި ޝަކުވާކުރުން އިތުރުވުމެވެ.

ސްކޫލުގެ ރީޔޫނިއަނެއް ބާއްވަން އުޅޭތީ ސުކީ އެނބުރި ދިއްލީ އަށް ދާން ބޭނުންވިއެވެ. ނަމަވެސް އެކަން މަނާކުރަނީ ގުރޫއެވެ. ދިއްލީ އަށް ދާން އުޅުމުން ގުރޫ، ސުކީ އާ ޒުވާބުކުރިއެވެ. ނަމަވެސް ސުކީ ނިންމީ ދިއްލީއަށް ދިޔުމަށެވެ. 20 އަހަރުފަހުން ހަތަރު އެކުވެރިން އަނެއްކާވެސް ބައްދަލުވެއެވެ. ރީޔޫނިއަނަށް ދިޔައިރު އެ ތަނުގައި ކަމުދާ އެކަކުވެސް ނެތެވެ. ހުރިހާ ފިރިހެނުން ކަހަލަ ގޮތަކަށް ތަލަވެފައި ހުރުމުން މެހެރް މެންނަށް އެތަނުން މީހަކު ކަމަކު ނުދިޔައެވެ. ޕާޓީގެ ޖޯޝު ގެނެސްދެނީ ވިކްރަމްއެވެ. އޭނާ އަކީ ސުކީމެން ސްކޫލުގައި އުޅުނުއިރު ސުކީގެ "ސީކްރެޓް އެޑްމަޔާ" އެވެ. ކިޔަވަން ނުދަންނަ ވިކްރަމަކީ މިއަދު ކާމިޔާބު މީހެކެވެ.

ގުރޫ އާއި ސުކީގެ ޒުވާބުކުރުންތައް ގިނަވެއެވެ. ޖަސީ މަންމަ އަށް ނަފުރަތު ކުރެއެވެ. ވިކްރަމް، ސުކީ އަށް ލޯބިހުށައަޅައެވެ. ސުކީގެ މައިންބަފައިންނާ ދިމާވެއެވެ. ގުރޫ އަށް ސުކީ އަކީ އޭނާގެ ހަޔާތުގައި ކިހާ މުހިއްމު މީހެއްކަން އެނގިގެންދެއެވެ. ސުކީ ދިއްލީގައި ހުރުމަށް ނިންމައެވެ. ދެން ސުކީގެ ހަޔާތުގައި ކަންތައްތައް ވެގެންދާ ގޮތް ބަލަން ފިލްމު ބަލައިލާށެވެ.