ސަރުކާރުން އަދި މަގާމެއް ހުށަހަޅާފައެއް ނުވޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވުމަށް ފުވާދު އީސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުވާދު ވަނީ އެކަން ދޮގުކުރައްވާފައެވެ.

ފުވާދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ވާހަކައަކީ އެއްގޮތަކަށްވެސް ތެދެއް ނޫން ކަމަށާއި އިސްތިއުފާ ދޭން ނިންމަވާފައި ނުވާނެ ކަމަށެވެ.

"މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ވާހަކައަކީ އެއްގޮތަކަށްވެސް ތެދެއް ނޫން. އަދި އަޅުގަނޑު އިސްތިއުފާ ދޭކަށް ނުނިންމަން"
ފުވާދު ތައުފީގު

ސަރުކާރުން އަދި އެފަދަ ކަމެއް އަންގަވާފައި ނުވާ ކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ ސަރުކާރުން ރަނގަޅު ފުރުސަތެއް ދީފި ނަމަ އެ ވަޒީފާއަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މިހާތަނަށް އިސްތިއުފާ ދެއްވުމާ ދޭތެރޭގައި ނުވިސްނަވާ ކަމަށާއި އެފަދަ ފުރުސަތެއް ލިބިވަޑައިގަންނަވާ ހިސާބުން އިސްތިއުފާދެއްވާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާ ބާއްވަން ހުއްދަދިނުން އަވަސްކުރެއްވި ކަމަށް ބުނެ އީސީގެ މެންބަރުންގެ ތުހުމަތުތައް އަމާޒުވިތާ ކުޑަދުވަސްކޮޅެއް ފަހުން ފުވާދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަންވެސް މެންބަރުން ވަނީ މަސައްކަތްކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް ގާނޫނު ތަންނުދިނުމުގެ ސަބަބުން އެކަން ވަނީ ނުވެފައެވެ.