އިގްތިސޯދު ތަރައްގީކުރެވެން ހުރި ދާއިރާތަކުން، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއާގެ ވަފުދާ މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ހާއްސަ މަންދޫބު، މިނިސްޓާ އޮފް އިކޮނޮމީ އެންޑް ޕްލޭނިން، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް، ރައީސް މުއިއްޒުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ގައުމުގެ އަހުވަންތަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، މި ސަރުކާރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ސަރުކާރެއް ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި ސައުދީ މިނިސްޓަރު ފައިސަލް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިގްތިސޯދީ ދާއިރާ ފަދަ އިގްތިސޯދު ތަރައްގީކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދެއްވައި، ހާއްސަކޮށް ފަލަސްތީނުގައި ސުލްހަ ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވިއެވެ.

ރައީސް އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، އިއްޔެ ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒް އާލްސައުދަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ރައީސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މިނިސްޓަރު ފައިސަލް ވަނީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.