މިދިޔަ މެއި މަހު ޝޫޓްކުރަން ފެށި ދިވެހި ފިލްމު "މީ އިޝްގް" ގެ ޝޫޓިން ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
ޝޫޓިން ނިންމާލުމަށް ފަހު ސޯޝަލް މީޑިއާ ގައި ފިލްމުގެ މައިގަނޑު ދެ ކާސްޓުން ހިމެނޭހެން ނަގާފައިވާ ފޮޓޯ ކުލިޕަކާއެކު ވީޑިއޯ އެއް ވަނީ ހިއްސާކޮށްފައެވެ. އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ މާލޭ އާއި މާފުށީގެ ހިތްގައިމު މާހައުލުގައި ޝޫޓްކުރާ ފިލްމެކެވެ. ފިލްމު "ހިނދުކޮޅެއް" އިން މި ދެތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔައިރު ބެލުންތެރިން ދެން އެންމެ އިންތިޒާރު ކުރީ އަނެއްކާވެސް މިދެތަރިން އެކުގައި ފިލްމެއް ކުޅޭނެ ދުވަހަކަށެވެ. "ދަރަކަ" އަދި "މިރާއީ" ޑައިރެކްޓްކޮށް އާންމުންގެ މެދުގައި މަގްބޫލުކަން ހޯދި އަޒްހާން އިބްރާހީމް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "މީ އިޝްގް" އަކީ އަޒްހާންގެ ފުރަތަމަ ފީޗާ ފިލްމުވެސްމެއެވެ.
ޑާކްރެއިނުން ޕްރެޒެންޓްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ އަންނަ އަހަރު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ ފިލްމެކެވެ. ބެލެވޭ ގޮތުގައި މި ފިލްމަކީ އަންނަ އަހަރު އެންމެ ފުރަތަމަ އޮލިމްޕަހުގައި އަޅުވާ ފިލްމެވެ. ފިލްމު ލޯންޗްކުރުމުގެ ހަފްލާގައި ވާހަކަދައްކަމުން އަޒްހާން ބުނީ މި ފިލްމަކީ ބެލުންތެރިން ރޮއްވާލާނެ ކަހަލަ އަސަރުގަދަ ފިލްމެއް ކަމަށެވެ. ތަފާތު ގިނަ ކަންތައްތަކެއް މި ފިލްމުން ފެނިގެންދާއިރު މިއީ ލޯބީގެ ރީތި ފިލްމެއްކަމަށް ވެސް އަޒްހާން އޭރު ވަނީ ބުނެފައެވެ.
އޮލިމްޕަހުގައި މިހާރު އަޅުވާފައިވަނީ ކުޅަދާނަ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ "ފްރީ ޑެލިވަރީ" އެވެ. މިއަހަރު ނިމިގެންދާނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ނޮވެމްބަރ" އިންނެވެ. މި ފިލްމަކީ އެ ކުންފުނިން މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމުވެސްމެއެވެ.