ބަލިމީހުންނާއި އެކަނި ހާލަށް ހިރިނލެވޭ މީހުންނާއި ތިއްތު ކުދިންގެ އިތުރުން ހިމާޔަތް ހޯދަމް ވަދެތިބި އެތައްބަޔަކު ތިއްބާ ކުރިއަށް އޮތް 1 ގަޑިއިރު ތެރޭގައި ހޮސްޕިޓަލް ހުސްކުރަން އިޒްރޭލުން އިންޒާރު ދީފިއެވެ.

ގާޒާގައި ތިބި އަލްޖަޒީރާގެ ނޫސްވެރިން ބުނީ، ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ގެންދާ އޮޕަރޭޝަނަށް 3 ދުވަސް ވެފައި ވަނިކޮށް މިއަދު ކުއްލި ގޮތަކަށް އެންގީ ތަން ހުސްކުރަން ކަމަށެވެ. އެތާނގައި ބަލި މީހުންނާއި، ތިއްތު ކުދިންނާއި، އެކަނި ހާލަށް ހިނގާބިނގާވެ ނޫޅެވޭ މީހުންގެ އިތުރުން ހިމާޔަތް ހޯދަން ވަދެތިބި މީހުންނާއެކު ޖުމްލަ 7000 އެއްހާ މީހުން މިހާރުވެސް އެބަ ތިބި ކަމަށް ރިޕޯޓަރު ބުނެއެވެ.

އެފަދަ ހާލަތަކެއްގައި ތިބި ބަޔަކު އެތަނުން ނިކުމެގެން ދާން ބަލާ އިރު ދުއްވާނެ ވެހިކަމެއް ވެސް ނެތް ކަމަށާއި، އިޒްރޭލުގެ ހަމަލާތަކުގައި ހަށިގަނޑުގެ ގުނަވަންތައް ގެއްލި، ބުރިވެ، އަދި ބޮޑެތި ޒަހަމްތަކުގައި ތިބި އެތައް ސަތޭކަ ބަޔަކު އެތަނުން ނިކުމެގެން ދާނެ ގޮތެއް ނެތް ކަމަށެވެ.

"ދުވަސް ނުފުރާ ވިހާފައި ތިބި އެތައް ތުއްތު ކުދިންނެއް އެބަތިބި، އަތާއި ފައި ނެތް މީހުން އެބަތިބި، އެމްބިއުލާންސެއް ވެސް ވެހިކަލެއް ވެސް ނެތް"
ރިޕޯޓަރުން

ހޮސްޕިޓަލްގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ނާޒުރު ހާލަތުގައި ތިބި މީހުންނާއެކު މިހާރުވެސް 300 މީހަކު ތިބީ އެޑްމިޓް ކޮށްފައި ކަމަށާއި، ކަރަންޓާއި ބޭހާއި އޮކްސިޖަން ނެތަސް އެމީހުން އެތަނުން ނެރެގެން ގެންދާނެ ވަކި އިތުރުތަނެއްވެސް ނެތް ކަމަށެވެ.

"އެބަތިބި ދުވަސް ނުފުރާ ވިހާފައި ތިބި 35 ކުދިން، އިންކިއުބޭޓަރެއް ނެތް، އޮކްސިޖަނެއް ނެތް، 8 ދުވަސް ވީ ހާއަށް އެނދެއްގެ މަތީގައި ތިބޭތާ"
ޝިފާ ހޮސްޕިޓަލްގެ އޮފިޝަލް

އިޒްރޭލު ފައުޖުތަކުން އެހޮސްޕިޓަލް ހިފާ، މުޅިތަން ހުއްޓުމަކަށް ގެނެސް ހިންގާ އޮޕަރޭޝަން ފެށިތާ 2 ހަފްތާ ވާން ދާއިރު އޮކްސިޖަން ހުސްވެ 39 ކުއްޖަކު މިފެށުނު ހަފްތާގައި މަރުވެފައި ވެސް ވެއެވެ.

ގާޒާގެ އުތުރާއި ދެކުނު ވަކިކޮށްލާފައި ވާ އިރު، ހަނގުރާމަ ފެށިފަހުން ގާޒާއަށް ތެޔޮ ވެއްދުން މަނާ ކޮށްފައި އޮތުމުން ގާޒާގެ އުތުރަށް ދާނެ ވހިކަލެއްވެސް މިހާރަކު ނެތެވެ. އެހެން ކަމުން އެމީހުން ހޮސްޕިޓަލުން ނެރޭނަމަ ނުވަތަ ނިކުމެގެން ދާނަމަ ފައިމަގުގައި ނޫން ގޮތަކަށް ދެވޭކަމަށް ނެތެވެ.

އިޒްރޭލު ސިފައިން އަމުރު ކޮށްފައި ވަނީ ހޮސްޕިޓަލް ހުސްކޮށް އެންމެން އަލް ރަޝީދު މަގުން ފައިބައިގެން ދިޔުމަށެވެ. މިއީ ގާޒާގެ އުތުރުން ފައިބަން އަންގާ މީހުން ދަތުރު ކުރަން މީގެ ކުރިން ބުނެފައި ވާ ސަލާހް އަލް ދީން ސްޓްރީޓެއްވެސް ނޫނެވެ.

"އިޒްރޭލު ސިފައިން ބުނީ، އިތުރު ގޮތެއް ނޯންނާނެ، ނިކުމެގެން ދާށޭ"
ޝިފާ ހޮސްޕިޓަލްގެ އޮފިޝަލް

މިހާރުވެސް، ކާއެއްޗެއް، ބީފެނެއް، ބޭހެއް، އަދި ކަރަންޓެއް ނެތް އެ ހޮސްޕިޓަލަކީ ހަމާސްގެ ކޮމާންޑް ސެންތަރެއް ހުރިތަނެއް ކަމަށް ބުނެ ޔަހޫދީ ސިފައިން އެތާ އެތެރެގައި ވަރުގަދަ އޮޕަރޭޝަނެް ދަނީ ހިންގަމުންނެވެ. ވޯޑަކުން ވޯޑަކުން އެފުށް މިފުށަށް ޖަހަމުން ތަންތަން ހަލާކު ކުރަމުން ބަޑިޖަހަމުން ޔަހޫދިން ދަނީ، ކަނު އަނދިރީގައި ވެސް އޮޕަރޭޝަން ހިންގަމުންނެވެ. ދޭތެރެ ދޭތެރެއިން ހަތިޔާރާއި، އެނޫންވެސް ތަކެތި ފެނިއްޖެ ކަމަށް ބުނެ ވީޑިއޯތައްވެސް ދަނީ ހަދާ އާންމު ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލްގެ އެތެރެއާއި ބޭރުގައި މަރުވެފައި ތިބި މީހުންނާއި ވަޅުލެވޭނެ ގޮތެއް ނެތިގެން އެއްވަޅެއްގައި ހޮސްޕިޓަލްގެ ކޮންޕައުންޑްގައި ވަޅުވި މީހުންގެ ހަށިގަނޑުތައް ނަގާ ވެހިކަލްތަކަށް ލައިގެން ވަގަށް ގެންގޮސްފައި ވާ ކަަމަށް ވެސް ހޮސްޕިޓަލްގެ އޮފިޝަލުން ބުނެއެވެ.

ހޮސްޕިޓަލުން ހަމާސްގެ ތަކެއްޗާއި ހަތިޔާރު ފެނުނު ކަމަށް އިޒްރޭލުން ބުނެ އާންމު ކުރި ވީޑިއޯ އަކީ ހަދާފައި ވާ ވީޑިއޯ އެއް ކަމަށް ލުބުނާނުގެ ބެއިރޫތުގައި ތިބޭ ހަމާސްގެ އޮފިޝަލުން ވަނީ ބުނެފައެވެ. އަދި އެކަން ސާބިތު ކޮށްދިނުމަށްޓަކައި ޔަހޫދީން އާންމު ކުރި ވީޑިއޯތަކުގެ ސްކްރީންޝޮޓްތައް ހަދާ އާންމު ކުރަމުން ހަމާސްގެ އޮފިޝަލުން ބުނީ، 'މެޑިކަލް ސަޕަލައި' ގެ ނަމުގައި ކޮނޑުޖަހައިގެން އެ ތަކެތި ހޮސްޕިޓަލަށް ވެއްދީ ޔަހޫދީ ސިފައިން ކަމަށެވެ. އެވީޑިއޯތައް ވެސް ވަނީ އާންމު ކޮށްފައެވެ.

އިޒްރޭލު ސިފައިން އަލް ޝިފާ ހުސްކުރަން އެންގުމުން ދޭހަވަނީ އެތަން ހިސޯރު ކުރުން ކަމަށް މުރާސިލުން ބުނެއެވެ.