ދެ ގައުމުގެ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމަށް އެކުގައި މަސައްކަތްކުރައްވަން ބޭނުން ކަމަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރަށް އާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދަންނަވައިފިއެވެ.

ޒަމީރު ޖައިޝަންކަރުގެ އަރިހުގައި މިހެން ދެންނެވީ، އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ފަހު ފޮރިން މިނިސްޓަރަކަށް ޒަމީރު އައްޔަނުކުރެއްވުމާ ގުޅިގެން، މަރުހަބާ ދަންނަވައި ޖައިޝަންކަރު 'އެކްސް'ގައި ކުރެއްވި ޕޯސްޓަކަށް ދެއްވި ޖަވާބުގައެވެ.

ޒަމީރަށް މަރުހަބާ ދަންނަވައި ކުރެއްވި ޕޯސްޓުގައި ޖައިޝަންކަރު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ހާއްސަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ޒަމީރާ އެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ދެ ގައުމުގެ މަސްލަހަތާއި ކަންބޮޑުވާ ކަންކަމުގައި ތިޔަ ބޭފުޅުންނާ އެކީގައި މަސައްކަތްކޮށް، ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އަލުން ބައްޓަންކޮށް ކުރިއަށް ގެންދިޔުމަށް." ޖައިޝަންކަރަށް ދެއްވި ޖަވާބުގައި ޒަމީރު ވިދާޅުވިއެވެ.

އިިއްޔެ ހަވާލުވި އާ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމެވެ. އެ ވައުދު އެތައް ފަހަރެއްގެ މަތިން ތަކުރާރުކުރައްވައި، ރައީސް ވިދާޅުވީ، އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނީ ރިވެތި އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކަމަށެވެ.