ރައީސް ޑރ. މުހައްމަދު މުއިއްޒު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ތުރުކީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު މެހްމަތް ނުރީ އާސޯއި އާ ރޭ ބައްދަލުކުރައްވައިފިއެވެ.
ރައީސް އެ ދެ ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރެއްވީ ރޭގެ ވަގުތެއްގައި ކުރުނބާ މޯލްޑިވްސްގައި، އެމަނިކުފާނު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ބޭއްވި ހާއްސަ ބައްދަލުވުމުގެ ތެރެއިންނެވެ.
އޭގެ ތެރެއިން ލަންކާގެ ރައީސާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތައުލީމީ ދާއިރާ އާ ގުޅޭ ގޮތުންނާއި، 18 އަހަރުން ދަށުގެ ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް ވިސާ ހަމަޖެއްސުމާ ގުޅޭ ގޮތުންނާއި، ދެ ގައުމުގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
އަދި ތުރުކީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ ދެ ގައުމުގެ ދެމެދު ދަތުރުކުރާ ފްލައިޓުތައް އިތުރުކުރުމާއި، ފަތުރުވެރިކަމާއި ތައުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންނާއި ތުރުކީގެ އިންވެސްޓްމެންޓުތައް ރާއްޖެ އަށް ގެނައުމާ ގުޅޭ ގޮތުންނެވެ.
ލަންކާގެ ރައީސާއި ތުރުކީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ، އެ ދެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އާ ރައީސަށް ދައުވަތު އަރުއްވައިފައެވެ. ހަމަ އެއާއެކު ލަންކާ އާއި ތުރުކީ އާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވިއެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް އާ ރައީސް ހުވާކުރެއްވީ އިއްޔެ ހަވީރު އެކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެއަށްފަހު ރޭ އެމަނިކުފާނު ވަނީ ކެބިނެޓަށް ބޭފުޅުން އައްޔަނުކުރައްވައި ވަޒީރުންނަށް ފަތްކޮޅު އަރުއްވައިފައެވެ.