ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހައްދަވާނެ ކަމަށާއި، ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން، ގައުމާ މުހާތަބު ކުރައްވާ ދެއްވި ފުރަތަމަ ތަގުރީރުގައެވެ.

ރައީސް ވިދާޅުވިގޮތުގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެހެންކަމުން، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ވުރެ ބޮޑަށް އެމަނިކުފާނު އެހެން އެއްވެސް ގައުމަކަށް އިސްކަން ނުދެއްވާނެކަން ވަނީ ހާމަކުރައްވާފައެވެ.

އެހެން ނަމަވެސް، ރައީސް ވިދާޅުވީ، އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ގައުމުތަކަށްވެސް އިހްތިރާމްކުރައްވާނެ ކަމަށާއި، ގައުމުތަކާއެކު ރަހްމަތްތެރި ގުޅުން ވެސް ބާއްވަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ އިމަށް، ދިވެހި ދައުލަތުން ފުރިހަމަޔަށް އިހްތިރާމް ކުރައްވާނެ ކަމުގައި ވިދާޅުވަމުން ރައީސް ވަނީ، ހަމަ މިފަދައިން ދިވެހި ދައުލަތުގެ ސިޔާދަތީ އިން ރައްކާތެރިކުރުމުގެ ހައްގު އޮންނަންވާނެ ކަން ވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް، ރައީސް ވިދާޅުވީ، މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ދެމި ތިބެގެން ކަމަށެވެ. އަދި، މި ރާއްޖެ ހަގީގީ ދިވެހި ގައުމަށް ވާނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި، އެކަކު އަނެކަކަށް އެއްބާރުލުން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އިލްމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ރާއްޖޭގައި ތަފާތު އެކި ދާއިރާތަކުން އިލްމުވެރީން އެބަ ތިބިކަމުގައި ވިދާޅުވެ، މި ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައި ވެސް އިލްމާއި އިލްމުވެރީންގެ އަގުވަޒަންކުރައްވާނެކަން ހާމަކުރައްވާފައެވެ. އެހެންކަމުން، ގައުމީ ތަރައްގީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގެ ބިންގަލަކީ އަދި އަސްލަކީ، އިލްމުވެރީންގެ އިލްމީ ދިރާސާތައް ކަމުގައި ހަދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، ދިވެހި އަންހެނުންނާއި ޒުވާނުންނަކީ، ގައުމު ހިންގުމުގެ އިންޖީނުކަމަށާއި، އެމީހުންނަކީ ގައުމު ދެމިއޮތުމުގެ ހަކަތަކަމުގައި ސިފަކުރައްވާފައެވެ. އަދި، އަންހެނުންގެ ހައްގުތައް މި ސަރުކާރުން ރައްކާތެރިކޮށްދޭނެ ކަމަށާއި، ޒުވާނުންނާއި އަންހެނުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދީ، ސިޔާސީގޮތުން ބާރުވެރިކޮށްދީ، ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަސައްކަތްތެރިންނަކީ، ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޭސްތިރިން ކަމަށާއި މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެއްވާނެކަމަށެވެ.

މިގޮތުން، އެމަނިކުފާނު ވިދާޅުވީ އެކަންކަމާ، ޒަމާނީ ޢިލްމުތަކާއި ޓެކްނޯލޮޖީއާ ރަޙްމަތްތެރިކޮށް ދޭނެކަމަށާއި، ދުނިޔޭގައި ކުރިއަރައިފައިވާ އެންމެފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތައާރުފުކޮށްދީ، އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުން، މާލަހެއްނުވެ، މަސްވެރީންނާއި ދަނޑުވެރީނާ ހިސާބަށް ގެނެސްދޭނެ ކަމަށެވެ.

ރައީސް ވަނީ މިއަދުގެ ޖީލުތަކާ ހަމައަށް މި ގައުމު އުފުލައިދިން އަމާނާތްތެރި ހިންމަތްތެރި އިސްރަށްވެހީންނަކީ ވާނީ އެމަނިކުފާނުގެ ސަރުކާރުގައި މުޖުތަމައުގައި ހަވާސާއެއް ނުކޮށް، އިހްތިރާމު ލިބޭ ޝާމިލް ގަދަރުކުރާ ބައެއް ކަމަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ތަގްރީރުގައި ދިވެހިވަންތަ ގައުމީ ޝަހްސިއްޔަތު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއެއް ފަށްޓަވާނެކަން ހާމަކުރައްވާފައެވެ. އަދި، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫއިން ދިވެހި ދަރީންގެ ނަފުސާނީ، ރޫހާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.