• އުފަން ދުވަސް: ޖޫން 15، 1978
  • ތައުލީމް: ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ
  • ލިޔުއްވި ތީސީސް: ތާމަލް އެންޑް ޓައިމް ޑިޕެންޑެންޓް އިފެކްޓްސް އޮން މޮނޮލިތިކް ރިއެންފޯސްޑް ކޮންކްރީޓް ރޫފް ސްލެބް ވޯލް ޖޮއިންޓްސް

ސިޔާސީ ހަޔާތްޕުޅު:

2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި މިނިސްޓާ އޮފް ހައުސިން އެންޑް އެންވާރަމަންޓް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތެވެ. އޭގެ ފަހުން 2013 ގައި ރިޔާސީ އިންތިހާބަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މުއިއްޒު ހުންނެވީ މެންޑޭޓް އިތުރަށް ފުޅާ ކުރައްވައި އުފައްދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރަކަށެވެ.

5 އަހަރުގެ ދައުރެއް މުއިއްޒު ފުރުއްވި އިރު، މާލެ ސަރަހައްދުގައި ހިންގި ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު އަދި ރާއްޖޭގައި މުޅިން އަލަށް ފުރަތަމަ ފަހަރަށް ހެދިގެން ދިޔަ ސިނަމާލެ ބްރިޖްގެ މޭސްތިރިއަކީ ވެސް އެއީއެވެ. މާލެއާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލަދޭ އެ ދިގު ބްރިޖްގެ މަސައްކަތް ގާތުން ބައްލަވާ ނިންނެވި، އެ ބްރިޖާއެކު މުއިއްޒު ވަނީ ތާރީހުން ޖާގަ ހޯއްދަވާފައެވެ.

އެ މުއްދަތުގެ ތެރޭގައި، އެތައް ހާބަރަކާއި، ޖެޓީއާއި ޕާކްތަކާއި މިސްކިތްތަކާއި އެތައް އިމާރާތަކާއި ކުޅިވަރު ފެސިލިޓީތަކުގެ އިތުރުން މާލެ ވަށާ އޮތް ބޮޑުތަކުރުފާނު މަގުގެ ދެބައިކުޅަ އެއްބައިގައި ތާރު އަޅުއްވާ ފުރިހަމަ ކުރެއްވިއެވެ.

މީގެ އިތުުރުން އިމާރާތް ކުރުމުގެ ދާއިރާގެ ގާނޫނީ އޮނިގަނޑުތައް ހަރުދަނާ ކުރައްވައި މިހާރު ފެންނަން އޮތް ބިލްޑިން ކޯޑުވެސް ވުޖޫދު ކުރެއްވީ މުއިއްޒުގެ މިނިސްޓަރުކަމުގައެވެ.

މިނިސްޓަރުގެ އެ ކާމިޔާބު މަސައްކަތަށް ފަހު 2021 ވަނަ އަހަރު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި ފުރިހަމަ އަޣުލަބިއްޔަތާއެކު ހޮވިވަޑައިގެން ދެން އަމާޒު ހިއްޕެވީ މާލެ އަކީ ހިތްފަސޭހަ މާލެއަކަށް ހެއްދެވުމަށެވެ. އޭގެ ތެރޭގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ނިންމެވި ރަސްފަންނާއި ކިންގް ސަލްމާން މިސްކިތާއި ސަލްޓަންޕާކް ފަދަ މާލޭގެ މަލަމަތި ރަމްޒުވާ އެތައް ޕްރޮޖެކްޓެއް ފުރިހަމަ ކުރައްވައި ރީތި ކުރެއްވިއެވެ.

އޭގެ އިތުރުންވެސް، މާލެތެރެ ރީތި ކުރެއްވުމަށާއި ޕާކިން މައްސަލަތައް ހައްލު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ތަރުތީބެއް ގެނެސް ވެހިކަލްތައް ޕާކުކުރުމަށް މާލޭގެ މަގުތަކުން ގޮޅި ދޫކުރެއްވިއެވެ. ސިޓީ ކައުންސިލަށް ފީއެއް ނެގުމަށް ފަހު ކުރި އެ މަސައްކަތުގެ ނަތީޖާ އަކީ މިއަދު 4 ފުރޮޅުލީ ވެހިކަލްތައް ޕާކުކުރުމުގައި ތަރުތީބެއް ލިބިފައި ވުމެވެ.

ޕާކިން މައްސަލަ މުޅިން ހައްލު ނުވިނަަމަވެސް މުއިއްޒު ވިދާޅުވެފައި ވަނީ، މި ފެށުނު ރިޔާސީ ދައުރާއެކު ޕާކިން މައްސަލަ މުޅިން ހައްލު ކޮށްދެއްވާނެ ކަމަށެވެ. ޕާކިން އަށް ބޭނުންވާ އިމާރާތްތައް ހައްދަވާ، ތަރުތީބު ކުރައްވާނެ ކަމަށެވެ.

ސިޓީ ކައުންސިލްގެ ކާމިޔާބު މަސައްކަތަށް ފަހު މިއަދު މުއިއްޒަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއެވެ.

ނޮވެމްބަރު 17، 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި މުއިއްޒު އެ މަގާމަށް ވަޑައިގަތީ 2013 އިން ފެށިގެން ތަމްސީލު ކުރައްވަމުން ގެންދެވި ސިޔާސީ ފިކުރު ޕީޕީއެމް އާއި ޕީއެންސީގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަ ކުރެއްވުމަށް ޕީއެންސީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޕީޕީއެމްގައި ހުންނެވި މުއިއްޒަކީ، ޕާޓީއަކާ ގުޅިވަޑައިގެންތާ 23 ދުވަސް ތެރޭގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ކެންޑިޑޭޓެވެ. އެމަނިކުފާނު ޕީއެންސީއާ ގުޅިވަޑައިގެން ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދަވާ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދެވިއެވެ.

ދެބުރަކަށް ކުރިއަށް ދިޔަ އިންތިހާބުގެ ފުރަތަމަ ބުރުން 46.06 ޕަސެންޓް ހޯއްދަވައި އެއްވަނައިގައި ދެވަނަ ބުރަށް ވަޑައިގެން ވާދަވެރި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލި ކުރެއްވީ، 54.04 ޕަސެންޓް ހޯއްދަވައިގެންނެވެ.

"ދިވެހިރާއްޖެ ފުރަތަމަ" އަދި "އިންޑިއާ ސިފައިން ބޭރުކުރުމުގެ" ވައުދާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެން މުއިއްޒު މިއަދު ހުވާ ކުރެއްވި އިރު އެމަނިކުފާނުގެ ނައިބަކީ، ހޮވިވަަޑައިގެން ހުވާ ކުރެއްވުމާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޒުވާން ހުސައިން މުހައްމަދު ލަތީފެވެ.

އެކިއެކި ގައުމުތަކުގެ އިއްޒަތްތެރިންނާއި ރާއްޖޭގެ އެކިއެކި މުވައްސަސާތަކުގެ ވެރިންގެ އިތުރުން އާންމުންގެ ތެރެއިން 1000 މީހަކަށް ދައުވަތު ދީގެން ހުވާ ކުރުމަށް ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު 4:45 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ހުވައިލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ހުވާ ކުރެއްވުމަށް ފަހު މުއިއްޒުގެ ކެބިނެޓް އިއުލާން ކުރައްވައި ފަތްކޮޅު ހަވާލުކުރުން ހަމަޖެހިފައި ވަނީ މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖުމްލަ 22 މިނިސްޓްރީއެއް ހިމެނޭ ކެބިނެޓަކާއެކު މުއިއްޒުގެ ރިޔާސީ ދައުރު ފައްޓަވާފައި ވާ އިރު 'ދަޕްރެސް' އިން އެދެނީ މުއިއްޒަށާއި ސަރުކާރަށް ކާމިޔާބީއެވެ.