ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ނިންމަވާލައްވަނީ ދިވެހި ދައުލަތުގެ ހަޒާނާއަށް ދަތި ކޮށްފައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިގެންދާ ސޯލިހުގެ ދައުރުން ވަނީ މީގެ ކުރިން އެއްވެސް ވެރިކަމެއްގައި ދައުލަތުގެ ހަޒާނާއަށް ދަތި ކޮށްފައި ނުވާ މިންވަރަށް ދަތިތަށް ކުރިމަތި ކުރައްވާފައިވާ ކަމަށެވެ. އަދި ހަމައެހެންމެ މިހާރު ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކުރިއަށް އޮތް އާ ސަރުކާރަށް ވެސް ބަޖެޓް ސަޕޯޓު ހޯދަން ދަތިވާނެ ކަމަށާއި ކުރިއަށް އޮތް ޑިސެމްބަރު މަހަކީ ދަތި އުނދަގޫ މަހަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިތިބީ ވަރަށް ނާޒުކު ފައްތަރެއްގައި، ޑރ. މުއިއްޒަށް ވެސް ބަޖެޓް ސަޕޯޓު ހޯދަން ދަތިވާނެ. ޑިސެމްބަރު ވާނީ އުނދަގޫ މަހަކަށް"
ނަޝީދު

ނަޝީދު މިގޮތަށް ވިދާޅުވެފައި ވާއިރު މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން ނުފުދިގެން ދާދި ފަހުން ވަނީ ސަޕްލިމަންޓްރީ ބަޖެޓެއްވެސް ހުށަހަޅާ ކޮމިޓީން ފާސްކޮށްފައެވެ. ޖުމްލަ 6.5 ބިލިއަން ރުފިޔާގެ މި ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި ހަމައެހެންމެ 420 މިލިއަން ރުފިޔާ އިލެކްޓްރިކް ސަބްސިޑީގެ ގޮތުގައި ހިމަނާފައި ވާއިރު ޓްރެޝަރީ ލޯނުގެ ގޮތުގައި 230 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީން 2019 ވަނަ އަހަރުން ފެށިގެން ސްޕަލިމެންޓްރީ ބަޖެޓު ހުށަހަޅަމުން ދާއިރު 2022 ވަނަ އަަހަރުވެސް 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ. އަދި މިއީ ދައުލަތުގެ ހަރަދުތައް އިތުރުވާ މިންވަރު ދައްކުވާދޭ ކަމަކަށް ވާއިރު އެއް އަހަރަށް ވުރެ އަނެއް އަހަރުގެ ހަރަދުތައް ދަނީ އުފުލެމުންނެވެ.

އަދި ކުރިއަށް އޮތް އަހަރަށް 49 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައި ވާއިރު އެ ބަޖެޓުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، ފިސްކަލް ހިރާސްތައް ކުޑަކޮށް ދަރަނީގެ މައްސަލަ ހައްލު ކުރުމަށެވެ. އަދި ސަބްސިޑީތައް ޓާގެޓު ކުރުމަށް ކަނޑައަޅާފައި ވާއިރު އާސަންދަ ކުޑަ ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވެއެވެ.

އަދި ހަމައެހެންމެ ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ރިޒާވްގައި ހުރީ 552 މިލިއަން ޑޮލަރެވެ. އޭގެ ތެެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 91 މިލިއަން ޑޮލަރެވެ. ދައުލަތުގެ ރިޒާވް ކޮންމެ މަހަކުވެސް ދަށަށް ދިޔަނަމަވެސް ސަރުކާރުން ބުނަމުން ދަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށެވެ.