އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ގައުމުތަކުގެ އިސް ބޭފުޅުން ވަޑައިގަންނަވަން ފަށްޓަވައިފިއެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި މިހާތަނަށް ފަސް ގައުމެއްގެ އިސް ބޭފުޅަކާއި ސާކުގެ ޖެނެރަލް ސެކްރެޓަރީ ގޯލަމް ސަރުވާރު ވަނީ މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރާއްޖެ އަށް މިއަދުގެ ވަގުތެއްގައި ވަޑައިގެންފައެވެ. ސަރުވާރުގެ އިތުރުން ދެން ވަޑައިގެންނެވި ބޭފުޅުންނަކީ:
- ސީޝެލްސްގެ ނައިބު ރައީސް އަހްމަދު އަފީފް
- އިންޑިއާގެ ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ
- ދެކުނު ކޮރެއާގެ ރައީސް ޔޫން-ސުކް ޔިއޯލްގެ ހާއްސަ މަންދޫބު އަދި ބޫސާންގެ މޭޔަރު ޕާކް ހިއޮން-ޖޫން
- ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާގެ ހާއްސަ މަންދޫބު އަދި އެ ގައުމުގެ ނައިބު ފޮރިން މިނިސްޓަރު ކޮމުރާ މަސަހީރޯ
- ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު ޝެން ޔީގިން
މި ބޭފުޅުންގެ ތެރެއިން ޗައިނާގެ މަންދޫބު ރާއްޖެ އަށް ވަޑައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ބޭބޭފުޅުންނަށް ރާއްޖޭގެ ފަރާތުން މަރުހަބާ ދެންނެވީ އިންތިހާބީ ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
މުއިއްޒާއި ހުސައިން، ރައީސާއި ނައިބު ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ޖުމްހޫރީ މަައިދާނުގައި 4 ޖަހާއިރެވެ. ރަސްމިއްޔާތަށް ފަހު އާ ކެބިނެޓު ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް އޮފީހުގައި އޮންނާނެއެވެ.