އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިނުގަންނަވަން ނިންމަވައިފިއެެވެ.
ރައީސުލްޖުމްހޫރިއްޔާ، މަގާމު ހުވާކުރެއްވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާއަށް ވަޑައިގަތުމަށް މަޖިލީހުގެ އިދާރާއިން ރައީސް ޔާމީނަށް ވަނީ ދައުވަތު އަރުވާފައެވެ. އެހެންނަމަވެސް ރައީސް ޔާމީން މި ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދައަށް އެދިވަޑައިގެންފައެއް ނުވެއެވެ.
ރައީސް ޔާމީން މި ރަސްމިޔާތުގައި ބައިވެރިނުވާން ނިންމި ސަބަބު ހާމަކުރައްވަމުން އެ މަނިކުފާނުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އާދަމް ޝަމީމް ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރައްވަމުން ކަމަށެވެ. އެހެންކަމުން އެ ހާލަތުގައި ޖަލްސާއަށް ވަޑައިގަތުމަކީ ރަނގަޅު ކަމެއް ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ރައީސް ޔާމީން ގަބޫލުފުޅުކުރައްވާ ގޮތުން، ޖިނާއީ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މީހަކު އެފަދަ ކަރާމާތްތެރި އަދި ހައިބަތު ބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ. އަދި އެއީ ތަހުޒީބީ މުޖުތަމައުތަކުގައި ގަބޫލުކުރާ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް ރައީސް ޔަމީން ގަބޫލުކުރައްވާކަމަށް ޝަމީމް ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ޑރ.މުއިއްޒު ހުވާކުރެއްވުމުގެ ހަފްލާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާނެކަން މިހާރު މަޖިލީސް އިދާރައަށްވެސް އަންގާފައިވާއިރު 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.