ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ހަތަރު ވަނަ ޖެނެރޭޝަން ފަށައި އެޕިސޯޑުތައް ދައްކަން މިހާރު ވަނީ ފަށާފައެވެ. ހަތަރުވަނަ ޖެނެރޭޝަން ފެށީ އަކްޝަރާ ގެ އަންހެން ދަރިފުޅު ސަމްރިދީ ޝުކްލާ (އަބީރާ)، ޝެހެޒާދް ދާމީ (އަރްމާން ޕޮއްޑަރު) އަދި ޕްރަތިޝްކާ (ރޫހީ) އާއެކުގައެވެ.

ޑްރާމާ ހަތަރުވަނަ ޖެނެރޭޝަންގެ ފުރަތަމަ އެޕިސޯޑު އައީ ރޫހީގެ އާއިލާ އާއި އަރްމާންގެ އާއިލާ މަސޯރީ އަށް ދިޔަ ހިސާބުންނެވެ. އެ ދަތުރުގައި ދިމާވާ ކަންތައްތަކެއްގެ ސަބަބުން އަރްމާން އާއި އަބީރާ ދެމީހުންނަށް ނަފްރަތު ކުރަން ފަށައެވެ. މަސޯރީ އިން އަރްމާން އަށް ރޫހި ފެނި އޭނާދެކެ ލޯބިވެއެވެ. އަކްޝަރާގެ އާއިލާ އެތައް ދުވަހެއް ފަހުން އަކްޝަރާ އަށް ފެނެއެވެ. ނަމަވެސް މާޒީގައި ކަންތައްތައް ހިނގާފައިވާ ގޮތުން އަކްޝަރާ އަށް އޭނާގެ އަމިއްލަ އާއިލާ ކުރިމައްޗަށް އަރާކަށް ނުކެރެއެވެ. އަބީރާ ދެކެ އިންތިހާއަށް "ލޯބި" ވެގެން އުޅޭ ޔުވްރާޖް ޑްރާމާ އަށް އެންޓްރީ ޖަހަނީ މިހިސާބުންނެވެ. ސައިކޯ ލޯބިވާ ޔުވްރާޖް ބޭނުންވަނީ ގަދަ ބާރުން އަބީރާ އާ ކައިވެނިކުރުމަށެވެ. ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަބީރާ އަށް އަނިޔާ ދީ ޔުވްރާޖް ބޭނުންވާ ކަންތައް ޔުވްރާޖް ހާސިލްކުރަން މަސައްކަތްކުރެއެވެ. ޔުވްރާޖްގެ ބައްޕަ އަކީ މަޝްހޫރު މީހަކަށްވުމުން ޔުވްރާޖް އުޅެނީ ވަރަށް ފަސޭހައިގައެވެ.

ޕޮއްޑަރު އާއިލާ އަކީ މަޝްހޫރު ގިނަ ގާނޫނީ ވަކީލުންތަކެއް ތިބި އާއިލާއަކަށްވެފައި އެ އާއިލާގައި ޔުވްރާޖްގެ ގާތް އެކުވެރިއެއް ހުރެއެވެ. ޔުވްރާޖްގެ ދުއްތުރާތަކުން ސަލާމަތްވުމަށް އަބީރާ ފުލުހަށް މައްސަލަ ހުށައަޅައެވެ. ކޯޓު މަރުހަލާގައި ޔުވްރާޖްގެ ފަރާތުން ވަކާލާތުކުރަން އަންނަނީ އަރްމާން އެވެ. ކޯޓު މަރުހަލާއިން އަރްމާން، ޔުވްރާޖް ސަލާމަތްކުރުމުން އަބީރާ، އަރްމާން ދެކެ ނަފްރަތު ކުރަން ފަށައެވެ. ޑްރާމާ ކުރިއަށްދާ ވަރަކުން އަރްމާން އަކީ ޕޮއްޑަރު އާއިލާ އިން އެޑޮޕްޓްކުރި ދަރިއެއްކަން އެނގި، އެކަމުގެ ހަގީގަތް އެނގިގެންދާނެއެވެ. އަރްމާން އާއި ރޫހީ ދެމީހުން ދެކެ ލޯބިވި ނަމަވެސް ރޫހީގެ ކައިވެނި ހަމަޖެހެނީ އަރްމާންގެ ކޮއްކޮ ރޯހިތު ޕޮއްޑަރުއާއެވެ. އަބީރާ އެންމެ ފަހުން ކައިވެނިކުރަންޖެހެނީ އަރްމާން އާއެވެ.

މި ޑްރާމާ ފެށީ ހީނާ ހާން (އަކްޝަރާ) އާއި ކަރަން މެހްރާ (ނެތިކް) އާއެކުއެވެ. އެ ޖެނެރޭޝަން ނިމި ފަހުން ދެމީހުންގެ ދަރިން ކަމަށްވާ ނައިރާ (ޝިވާންގީ ޖޯޝީ) އާއި ނަކްޝް ލީޑު ރޯލު ކުޅެން ފެށިއެވެ. ނައިރާ އާއި މޮހޮސިން ހާން (ކާރްތިކް) އާ ދިމާވެ ދެމީހުން ލޯބިވެ ކައިވެނިކުރިއެވެ. އަދި ދެމީހުންނަށް ދަރިން ލިބި ދަރިން ބޮޑެތިވާން ފެށުމުން ޝިވާންގީ އާއި މޮހޮސިން ޑްރާމާ ދޫކޮށްދާން ނިންމިއެވެ. އެއާއެކު ތިން ވަނަ ޖެނެރޭޝަން އާއެކު ނައިރާ އާއި ކާރްތިކްގެ ދަރިން ކަމަށްވާ ޕްރަނާލީ (އަކްޝަރާ)، ކައިރަވް (އަބީރު ސިންހް) ކަރިޝްމާ (އަރޫހީ) ކުޅެން ފެށިއެވެ. މި ޖެނެރޭޝަން ވެގެންދިޔައީ ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ޖެނެރޭޝަން އަށެވެ. ޕްރަނާލީ މި ޑްރާމާގެ ލީޑު ރޯލު ކުޅެމުން އަންނައިރު އޭނާ އަށް ހަރްޝަދު ޗޯޕްރާ (އަބީމަންޔޫ) އާ ދިމާވެ ލޯބިވެއެވެ. އަދި ކައިވެނިކޮށް ދެމީހުންނަށް އަބީރު ކިޔާ ދަރިއަކު ލިބެއެވެ. އަދި އަކްޝަރާ އާއި އަބީނަވް ކައިވެނިކޮށް އަބީރާ ކިޔާ ކުއްޖަކު ލިބެއެވެ. އަކްޝަރާގެ ކޮއްކޮ އަރޫހީ، އަބީމަންޔޫގެ ކޮއްކޮ ނީލް ބިރްލާ އާއި ކައިވެނިކޮށް ރޫހީ ކިޔާ ދަރިއަކު ލިބެއެވެ. މިފަހަރުގެ ޖެނެރޭޝަންގެ ލީޑަކީ ރޫހީ އާއި އަބީރާއެވެ.