އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހާމަކުރައްވާފައިވާ އިރު ފުރަތަމަ މަސް ދުވަހުގެ ތެރޭގައި 25 ކަމެއް ކުރައްވަން ނިންމަވައިފިއެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ ލޯންޗުކޮށްފައިވާ އިރު، ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކުރައްވާނެ 25 ކަމެއް އެ ޕްލޭންގައި ހިމެނެއެވެ. އެ ވައުދުތަކުގެ ތެރޭގައި ފުރަތަމަ ދުވަހުގެ 7 ކަމެއް ހިމެނޭ އިރު، ބާކީ 18 ކަންތައް މަސް ދުވަހުގެ ތެރޭގައި ކުރަން ވަނީ ޕްލޭންކޮށްފައެވެ. އެގޮތުން ފުރަތަމަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމަށް ވަނީ ހިމަނާފައެވެ.

މުއިއްޒުގެ ފުރަތަމަ ދުވަހުގެ ވައުދުތައް:

  1. ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން
  2. ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އަންހެނުން އިތުރުކުރުމުގެ މަސައްކަތް ފެށުން
  3. މަސްވެރިކަމަށް ހާއްސަ ވުޒާރާއެއް އުފެއްދުން
  4. ދަނޑުވެރިކަމަށް ހާއްސަ ވުޒާރާއެއް އުފެއްދުން
  5. ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ޒިންމާވާ ހާއްސަ ވުޒާރާއެއް އުފެއްދުން
  6. ކުޅިވަރަށް ހާއްސަ ވުޒާރާއެއް އުފެއްދުން
  7. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއެއް އުފެއްދުން

މުއިއްޒު މީގެ ކުރިން ވެސް ވަނީ ވެރިކަމާ ހަވާލު ވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަންކަމުގެ ލިސްޓުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އިންޑިއާ ސިފައިން ބޭލުމަށް އިސްކަން ދެއްވުމަށް ގޮވާލައްވައި ވެރިކަމުގެ ބޮޑުބައި ނުދަނީސް އެ މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އެހެން ނުވެއްޖެ ނަމަ "އިންޑިއާ އައުޓް" ގެ ބަދަލުގައި "އިންޑިއާ އިން" ޖަހައިގެން ތީޝާޓު ތުރުކުރައްވާނެ ކަމަށް ވެސއް ޔާމީން ވަނީ ވިދާޅުވެފައެވެ.

މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރަތަމ މަސް ދުވަހުގެ ތެރޭގައި ވެސް ހާއްސަ ކަންތައްތަކެއް ކުރައްވަން ވަނީ ނިންމާފައެވެ. އެ ގޮތުން ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. ހަމައެއާއެކު މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްތަކައި ކޮންމެ އަހަރަކު ދައުކަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ހަރަދު މިހާރަށް ވުރެ ތިން ގުނައަށް އިތުރު ކުރުމާއި، ދިވެހިރާއްޖޭގެ ގައުމީ ތަރިކަ އާލާކޮށް އިޔާދަ ކުރުމަށް ބޭނުންވާ މަޝްރޫއުތައް އެކަށައަޅައި، އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ އިބްތިދާއީ މަސައްކަތްތައް ފެށުން ހިމެނެއެވެ. އަދި ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް ނިމިދިޔަ ސަރުކާރުން ސަސްޕެންޑުކޮށް، އެމްއެމްއޭ މެދުވެރިކޮށް ގައިރު ޒިންމާދާރުކޮށް ފައިސާ ޗާޕުކުރަމުން ދިޔަ ދިޔުން ހުއްޓާލުމާއި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކެއް ނިމިދިޔަ ސަރުކާރުން ސަސްޕެންޑުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ގާނޫނު އެކީގައި އިޔާދަކޮށްދިނުމަށް ރައްޔިތުންގެ މަޖަލީހަށް ހުށަހެޅުން ހިމަނާފައި ވެއެވެ.

ފުރަތަމަ މަސް ދުވަހުގެ ވައުދުތަކުގެ ތެރެއިން ބައެއް ކަންކަން:

  1. ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓާއި ރޯހައުސްތަކަށް މަހުންމަހަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދިނުން
  2. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  3. ޕްރިވެންޓިވް ހެލްތް ކެއާގެ ނިޒާމް ފުލާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގއި ހިމެނުން
  4. 5 އަހަރުގެ ޒައާމަތުގައި 1000 ފަގީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ފުރުސަތު ފަހިކޮށް ދިނުމާ ގުޅޭ ހާއްސަ ސިޔާސަތު އެކުލަވާލައި އިއުލާން ކުރުން
  5. އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގޫޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުން
  6. ނިމިދިޔަ ސަރުކާރުން ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ރީފައިނޭންސް ކުރުމުގެ މަސައްކަތް ފެށުން.
  7. ދައުލަތުގެ ބަޖެޓުގައި ދަނޑުވެރިކަމުގެ ދާއިރާޔަށް ކަނޑައަޅާ މިންވަރު މިހާރަށްވުރެ ބޮޑުކުރުން.
  8. 'ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް'ގެ ބޯޑެއް ތައާރަފުކުރުން.
  9. ޕާކުކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ނިމިދިޔަ ސަރުކާރުން ވެފައިވާ ވައުދާ ހިލާފަށް ކުރި ހުރިހާ ޕާކިން ޖޫރިމަނާތައް މާފުކުރުން
  10. ބޭރު ގައުމުތަކުގައި ހޮސްޕިޓާ ބަދަލުކުރަން ނަގާ ފީ، އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދިނުން
  11. ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން 1 އަހަރަށް ފަސްކޮށްދިނުން

މީގެ އިތުރުން ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށް ދިނުން ހިމެނެއެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން ވެސް ވަނީ ހިމްނާފައެވެ.

މިއަދު ލޯންޗުކުރި ޕްލޭންގައި ހިމެނެނީ ފުރަތަމަ 14 ހަފްތާގެ ޕްލޭނެއެކެވެ. އެ މުއްދަތުގައި ފުއްދަވާނެ 172 ވައުދު ލޯންޗުކޮށްފައިވާ އިރު، މި ކަމަށް ހޭދަވާނެ ކަމަށް ލަފާ ކޮށްފައި ވަނީ 250 މިލިއަން ރުފިޔާއެވެ.