އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ޗައިނާ ތަމްސީލު ކުރެއްވުމަށް ބައިވެރިވެ ވަޑައިގަންނަވާނީ ރައީސްގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު ޝެން ޔިގިންއެވެ. މިއަދު ޝެން ޔިގިން ރާއްޖެ ވަޑައިގަތުމުން އެ ކަމަނާއަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއެވެ.

ޝެން އަށް މަރުހަބާ ވިދާޅުވެ މިއަދު މޫސާ ޒަމީރު ކުރެއްވި ޓުވީޓެއްގައި ވަނީ ޗައިނާ އާއި ރާއްޖޭގެ ވަރުގަދަ ގުޅުން ފާހަގަކުރައްވައި އެ ގައުމަކީ ހާރިޖީ ސިޔާސަތުގައި ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއް ކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖެއާ އެކު ޗައިނާ އިން ބާއްވާ ގާތް ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށް މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޝެންގެ މިދަތުރު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މި މަހުގެ 17 ވަނަ ދުވަހު ބާއްވާ ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އެކުވެރި ގައުމުތަކަށް ފޮނުވާފައިވާ، އަވަށްޓެރި އިންޑިއާއިން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެ ގައުމުގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫއެވެ.