ކައިވެނިކުރުމަށް އެދި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަޅާ ފޯމުތައް އޮންލައިންކޮށް ލެވޭނެ ގޮތް ހަދައިފިއެވެ.

އެކަން އެގޮތަށް ހަމަޖައްސާފައިވަނީ "ކޯޓަށް ފަރިތަ" ނަމުގައި ކުރިއަށް ގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ ދަށުންނެވެ.

އެކަން އިއުލާންކޮށް ޖުޑިޝަރީއިން ބުނީ ކައިވެނިކުރަން ފޯމު ހުށަހަޅަން ދެވެން ނެތުމުން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ގޮތް މިއަދު ތައާރަޕްކޮށްފައިވާ ކަމަށް ޖުޑިޝަރީއިން ވަނީ ބުނެފައެވެ.

އެގޮތުން މި ލިންކް މެދުވެރިކޮށް ވަދެ އީފާސް އަށް ލޮގިން ވެގެން ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުގެ އިތުރުން ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމުވެސް ހުށަހެޅޭނެއެވެ. އަދި އެއް އަތްބަށްވުރެ ގިނަ އަތްބަށް ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއި ވަލީ ހަމަޖެއްސުމަށް އެދި ހުށަހަޅާ ފޯމުގެ އިތުރުން ކައިވެނި ރުޖޫއަކުރުމަށް ހުށަހަޅާ ފޯމުވެސް ހުށަހެޅޭނެއެވެ.

އޮންލައިންކޮށް މިފަދަ ފޯމުތައް ލެވޭނެ ގޮތް ހަމަޖެހިގެން ދިއުމާއެކު ގިނަ ބަޔަކަށް މިކަމުގެ ފަސޭހަތަށް ލިބޭނެކަން ފާހަގަކުރެވެއެވެ. އަދި މިކަމާއެކު ވަގުތު ސަލާމަތްވެސް ވާނެއެވެ.